މާފުށީ ޖަލުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވި ކޮޓަރީގައި ކެމެރާ ހަރުކޮށްގެން އެމަނިކުފާނުގެ ހަރަކާތްތައް އެޕްލިކޭޝަނެއް މެދުވެރިކޮށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައްލަވަމުން ގެންދަވާ ކަމަށް ޕީޕީއެމުން މިރޭ ތުހުމަތުކޮށްފި އެވެ.
ޔާމީން، ޖަލު ހުކުމެއް ތަންފީޒުކުރައްވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގަ އެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ހޯމް މިނިސްޓަރު އިމްރާނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.
”ފާހާނާއަށް ދަންދެން ކެމެރާ އަޅަައިގެން، ގޭގައި އިނދެގެން ރައީސް ޔާމީނުގެ ހުރިހާ ހަރަކާތެއް ބެލޭގޮތަށް ހުރިހާ މޫވްމަންޓްސްއެއް ބެލޭގޮތަށް އިމްރާނު ރާވާފައި ހުރި ކަމަށް، މިއީ އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތު،“ އަބްދުއްރަހީމް ވިދާޅުވި އެވެ.
”ޔާމީނަށް އަނިޔާ ކުރަމުންދަނީ މި ސަރުުކާރުުން ރާވައިގެން. މީގެ މުގުލުގައި ހުރީ ހޯމް މިނިސްޓަރު އިމްރާން.“
ޔާމީނަށް ޖަލުގައި ދެމުންދާ އަނިޔާގެ ފަހަތުގައި ހުންނެވީ އިމްރާން ކަން އޭނާ މިރޭ ކުރެއްވި ޓުވީޓްތަކުން ވެސް ހާމަވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
ޔާމީންގެ ދިފާއުގައި އެ ކޯލިޝަނުން ކުރަން ޖެހޭ ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށާއި ބުނަން ޖެހޭ ކޮންމެ އެއްޗެއް ވެސް ބުނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވަނީ ހޯމް މިނިސްޓަރުގެ މަގާމުން އިމްރާން ވަކި ކުރަން ވެސް ގޮވާލައްވައިފަ އެވެ.