ލަންކާ ބޮޑުވަޒީރު ކަމުން ރަނިލް އިސްތިފާ ދެއްވަނީ.
ދެންމެ | 09 ޖުލައި 2022

އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް ލަންކާގެ ބޮޑުވަޒީރުގެ މަގާމާ އަލުން ހަވާލުވެވަޑައިގެންނެވިތާ މަދު ދުވަސްކޮޅެއްގައި ތެރޭގައި އެމަގާމުން އިސްތިއުފާ ދެއްވަން ރަނިލް ވިކްރަމްސިންހަ ނިންމަވައިފި އެވެ.

ލަންކާއަށް ކުރިމަތިވެފައިވާ ކާރިސާ ހައްލު ނުކުރެވޭ ނަމަ ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލައި، އެމަނިކުފާނުގެ ގެކޮޅު ބޭރުގައި ހޯމަ ދުވަހުން ފެށިގެން ގެންދަނީ މުޒާހަރާ ކުރަމުންނެވެ. އަދި، މުޒާހަރާތައް ހޫނުވެ މިއަދު ވަނީ ގިނަ ހަމަނުޖެހުންތަކެއް ވެސް ހިނގާފަ އެވެ.

ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ ގެކޮޅަށް ބަޔަކު ވަނުމާ އެކު ރަނިލް ވަނީ ހުރިހާ ސިޔާސީ ޕާޓީއެއްގެ ލީޑަރުންނާ ބައްދަލުކުރައްވާފަ އެވެ. އަދި، ހުރިހާ ސިޔާސީ ޕާޓީއެއް ހިމެނޭ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރުމަށް އިސްތިއުފާ ދެއްވާނެ ކަމަށް ވެސް ރަނިލް ވަނީ ވިދާޅުވެފަ އެވެ.

ސްރީލަންކާގެ އިދިކޮޅުން ވަނީ ބޮޑުވަޒީރާއި ރައީސް ވެސް އިސްތިއުފާ ދިނުމަށް ގޮވާލާފަ އެވެ. ރައީސް ގޮތަބަޔާ ވަނީ މިއަދު ގެކޮޅުން ފިއްލަވާފަ އެވެ. ނަމަވެސް، އަދިވެސް އިސްތިއުފާ ނުދެއްވަ އެވެ.

ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުން، އެއްބައިވަންތަ ސަރުކާރެއްގެ ބޮޑު ވަޒީރުގެ ގޮތުގައި ރަނިލް އެ މަގާމަށް ވަޑައިގެންނެވީ މިދިޔަ މޭ 12 ގަ އެވެ. ރަނިލް ވަނީ މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރައްވާފަ އެވެ. އުމުރުން 73 އަހަރުގެ ރަނިލްއަށް ކުރިމަތިވެވަޑައިގަންނަވާ އެންމެ ބޮޑު މަސައްކަތަކީ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!