އޭޕްރީލު މަސް ނިމުމުގެ ކުރިން އާންމުކުރާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނި ދައުލަތުގެ ކުންފުނިތަކުގެ މާލީ ހާލަތާ ގުޅޭ ރިޕޯޓު އޭޕްރީލު މަސް ނިމުނުއިރުވެސް ހާމަނުކުރިއެވެ.
ކޮންމެ ކުއާޓާއެއްގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އެކުލަވައިލާ އާންމުކުރާ ކުއާޓާލީ ރިޕޯޓު އޮފް ސްޓޭޓް އޯންޑް އެންޓަޕްރައިޒަސްއަކީ ކޮންމެ ކުއާޓާއެއްގައި ދައުލަތުގެ ކުންފުނިތަކަށް ލިބުނު އާމްދަނީއާއި ޚަރަދުވި ފައިސާއާއި ދަރަންޏާ ގުޅޭ އަދާހަމަ މައުލޫމާތު ހިމަނައިގެން އެކުލަވައިލާ އާންމުކުރާ ރިޕޯޓުތަކެކެވެ.
ކޮންމެ އަހަރެއްގެ ހަތަރު ކުއާޓާގައި އާންމުކުރަމުން އައި ރިޕޯޓުތައް އާންމުކުރުން 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށްފަހު ސަރުކާރުން ހުއްޓާލާފައިވެއެވެ. އެގޮތުން އެ އަހަރުގެ 2 ވަނަ ކުއާޓާއާއި 3 ވަނަ އަދި 4 ވަނަ ކުއާޓާގައިވެސް އެ ރިޕޯޓު އާންމުނުކުރެއެވެ.
އެ ރިޕޯޓުތައް އާންމުނުކޮށް ހިފަަހައްޓާފައިވާއިރު ކުރިން މާލީ ހާލަތު ރަނގަޅު ސަރުކާރު ކުންފުނިތަކުގެ ދަރަނި ބޮޑުވެ މާލީ ހާލަތު ގޯސްވަމުންދާކަމަށް އެ ކުންފުނިތަކުގެ ބައެއް ވެރިން އަންނަނީ ވިދާޅުވަމުންނެވެ.
ވޯލްޑު ބޭންކުން ފާހަގަކުރި ގޮތުގައި ދައުލަތުގެ ކުންފުނިތަކުގެ ސަބަބުން ރާއްޖޭއަށް ޖުމްލަ 38.5 ބިލިއަން ރުފިޔާ ނުވަތަ 2.5 ބިލިއަން ޑޮލަރުގެ ހިރާސްއެއް އެބައޮތެވެ. އެއީ 2019 ވަނަ އަހަރު ރާއްޖޭގެ މުޅި ޤައުމީ އުފެއްދުންތެރިކަމުގެ 45 އިންސައްތައާ އެއް މިންވަރުގެ އަދަދެއްކަން އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން ދައުލަތުގެ ކުންފުނިތަކުން ދެ ބާވަތެއްގެ ހިރާސް ކުރިމަތިވެފައި އޮތްކަން އެ ރިޕޯޓުގައި ފާހަގަކުރިއެވެ. އެއިން އެއް ހިރާސަކީ އެ ކުންފުނިތަކަށް ނަގާފައިވާ ދަރަނީގެ ހިރާހެވެ. އެގޮތުން 1.6 މިލިއަން ޑޮލަރު ދައުލަތުން ގަރަންޓީ ދީގެންނާއި ސީދާ ކުންފުނިތަކުން ލޯނުގެ ގޮތުގައި ނަގާފައިވެއެވެ. އެއީ 24.6 ބިލިއަން ރުފިޔާއެވެ.
އަދި ދެވަނަ ބާވަތުގެ ހިރާސް ކަމުގައިވާ އެކި ފަރާތްތަކަށް ދައްކަންޖެހި ކުންފުނިތަކުން ނުދައްކާ ހުރި ފައިސާގެ އަދަދުވަނީ 859 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. އެއީ 13.2 ބިލިއަން ރުފިޔާއެވެ.
މި މައުލޫމާތު ހާމަކުރުން ފިނޭންސް މިނިސްޓްރީން ހުއްޓައިލުމާ ގުޅިގެން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ”ދިޔަރެސް“އިންވާނީ 2022 ވަނަ އަހަރުގެ 2 ވަނަ ކުއާޓާއިން ފެށިގެން މި އަހަރުގެ ފުރަތަމަ ކުއާޓާއާ ހަމައަށް ތައްޔާރުކޮށްފައިވާ ”ކުއާޓާލީ ރިޕޯޓު އޮފް ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް“ ހޯދުމަށް އެދިފައެވެ.
އެ ރިޕޯޓު ހޯދުމަށް އެދުމުން ”ދިޔަރެސް“އަށް މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވަނީ 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށް ރިޕޯޓުތައް ޕީސީބީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ އަހަރުގެ ތިންވަނަ ކުއާޓާގެ ރިޕޯޓު އޭޕްރީލު މަހުގެ ނިޔަލަށް ޝާއިއުކުރާނެ ކަމަށެވެ. އަދި ނިމުނު އަހަރުގެ 4 ވަނަ ކުއާޓާގެ ރިޕޯޓު މޭ މަހުގެ ނިޔަލަށް ޝާއިއުކުރާނެ ކަމަށެވެ.
ނަމަވެސް މިހާތަނަށް ފާއިތުވި އަހަރުގެ 3 ވަނަ ކުއާޓާގެ ރިޕޯޓުތައް އެ ވެބްސައިޓުގައި ޝާއިއުކޮށްފައިނުވެއެވެ. އެހެންކަމުން އެ މައުލޫމާތު ހޯދަން ހުށަހެޅުމުން މިނިސްޓްރީން ދިން ޖަވާބު ”ދިޔަރެސް“އިންވާނީ މިނިސްޓްރީގެ އިސްތިއުނާފު ކޮމިޓީގައި އިސްތިއުނާފުކޮށްފައެވެ.