އެލްޖީއޭގެ އެންގުން އޮޅާލައި، ފަންބޮނޑިއަށް މަގުކޮނުމުގެ ހުއްދަ ނުދޭން ފޮނަދޫ ކައުންސިލުން ނިންމައިފި
ދެންމެ | 22 ސެޕްޓެމްބަރ 2022

ފަންބޮނޑި މޯލްޑިވްސް އަށް ލާމް ފޮނަދޫގައި ’ އޯޕަން އެކްސަސް ފައިބަރ ނެޓްވޯކެއް ’ ގާއިމް ކުރުމަށް މަގު ކޮނުމުގެ ހުއްދަ ތަފާތު ކުރުމެއްނެތި ދިނުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގުމުން ވެސް މަގުކޮނުމުގެ ހުއްދަ ނުދޭން ފޮނަދޫ ކައުންސިލަށް ނިންމައިފި އެވެ.

އެލްޖީއޭއިން ފަންބޮނޑިއަށް މަގު ކޮނުމުގެ ހުއްދަ ތަފާތު ކުރުމެއް ނެތި ދިނުމަށް އަންގާފައި ވަނިކޮށް، ޕީޕީއެމްގެ ފަސް މެމްބަރުން ތިއްބަވާ ފޮނަދޫ ކައުންސިލް ރައީސް އަހުމަދު ރިޔާޒު ސޮއިކޮށް ފަންބޮނޑި އަށް ފޮނަދޫ ކައުންސިލުން ފޮނުވާފައި ސިޓީގައި ބުނެފައި ވަނީ އެކުންފުނިން އެދިފައިވާ މަގު ކޮނުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ. ފޮނަދޫ ކައުންސިލުން މަގާމް ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ މިހާރު ދަނީ އޭސީސީއިން ވެސް ތަހްގީގް ކުރަމުންނެވެ.

މިއަހަރުގެ ޖެނުއަރީ މަހު ފަންބޮނޑި މޯލްޑިވްސްއިން މަގު ކޮނުމުގެ ހުއްދައަށް އެދުމުން، ފޮނަދޫ ކައުންސިލުން އެންމެ ފުރަތަމަ ބުނެފައި ވަނީ ތިން ފަރާތަކަށް ހުއްދަދީފައިވާތީ ހުއްދަ ދެވެން ނެތް ކަމަށެވެ. މިމައްސަލަ އެލްޖީއޭއަށް އެކުންފުނިން ހުށަހެޅުމުން އެލްޖީއޭއިން މައްސަލަ ތަހްގީގް ކުރުމަށްފަހު ބުނެފައި ވަނީ ތަފާތު ކުރުމެއް އިހްމާލްވުމެއް ނެތި ފަންބޮނޑި މޯލްޑިވްސްއަށް ހުއްދަ ދިނުމަށެވެ. އެހެންނަމަވެސް މިއަދު ފޮނަދޫ ކައުންސިލުން ވަނީ މަގު ކޮނުމުގެ ހުއްދަ ދެވެން ނެތް ކަމަށް ފަންބޮނޑިއަށް އަންގާފަ އެވެ.

މިމައްސަލައިގައި ފަންބޮނޑިން ފޮނަދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެކުންފުނިން މަގު ކޮނުމުގެ ހުއްދައަށް އެދުނު ފަހުން ހުއްދައަށް އެދިފައިވާ ފަރާތްތަކަށްވެސް ހުއްދަ ދީފައިވާ ކަމަށާއި އެހެން ހުރިހާ ފަރާތްތަކަށް ދޭ މަގު ކޮނުމުގެ ހުއްދަ އެކުންޏަށް ނުދޭ ސަބަބެއް ބަޔާންކޮށްދިނުމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ފައިބަރ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމް ކުރި ފަންބޮނޑި މޯލްޑިވްސް އަށް މިމައްސަލައިގައި ލާމް އަތޮޅު ކައުންސިލުން ވެސް ބުނެފައި ވަނީ ފޮނަދޫ ކައުންސިލުން ފަންބޮނޑިއަށް ހުއްދަ ނުދީ ހިފަހައްޓާފައި ވަނީ އުސޫލެއް ހަމައެއްނެތި ގަވައިދާ ހިލާފަށް ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!