ބިޒްނަސް އިމޭޖް ގުރޫޕް (ބިގް) ކުންފުނިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނެއް ނުދައްކައިގެން ދައުވާ ކުރުމުން، ކޮންމެ މަހަކު ބޭންކަން 384،000ރ. ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި އެ ބޭފުޅާގެ އެއްބަނޑު އެއްބަފާ ބޭފުޅުން ދިރިއުޅެން ހަދަމުން އަންނަ ގ.މޫނިމާގެ ރަހުނުކޮށް، ބިގް ކުންފުނިން 34 މިލިއަން ރުފިޔާގެ ލޯނެއް ބީއެމްއެލް އިން ނެގީ 2016 ވަނަ އަހަރު އެވެ.
އެ ލޯނު ގަވާއިދުން ދައްކަމުން ނުދާތީ ބީއެމްއެލް އިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކޯޓަށް މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ ލޯނު ނުދައްކާ ނަމަ މޫނިމާގެ ވިއްކާލުމުގެ ހުއްދަ ބީއެމްއެލް އަށް ދީފަ އެވެ.
ބިގް ކުންފުނީގެ މިހާރުގެ ހިއްސާދާރުންނަކީ ރައީސް އޮފީހުގެ ކުރީގެ ކޮމިއުނިކޭޝަން ހެޑް، އަދި މިހާރުވެސް ނުރަސްމީކޮށް ރައީސް ސޯލިހްގެ ޕީއާރު މަސައްކަތް ކުރަމުން އަންނަ މ.ބޯގަންވިލާ ހަސަން އިސްމާއިލާއި، އެމްޑީއެންގެ ނަމުގައި ހިންގި ޖަމިއްޔާއިން ނެރުނު ދީނާއި ހިލާފު ރިޕޯޓު ލިޔުމުގައި ހަރަކާތްތެރިވި މުޝްފިގު މުހައްމަދުގެ ބޭބެ އަދި ރައިސް ސޯލިހްގެ ރަސްމީ ފޮޓޯގްރާފަރު މުހައްމަދު މުންޝިދެވެ.
ބިގުން އެ ލޯނު ނަގާފައިވަނީ ހަސަން އިސްމާއިލާއި، މުންޝިދާއި ބިގް ކުންފުނި އަދި މޫނިމާގޭ އަހްމަދު ޒަރީރުގެ ގެރެންޓީ ދީގެންނެވެ.
ސިވިލް ކޯޓުން އިސްވެ ފެށި އެ ހުކުމުގެ ތަންފީޒު ކުރުމުގެ ޝަރީއަތުގައި ބުނި ގޮތުގައި ބިގް ކުންފުނިން ނެގި ލޯނުން ބާކީ 22،124،106ރ. މި ހިނގާ މެއި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ނުދައްކާ އެބަ އޮތެވެ.
އެ ފައިސާއާއި އިތުރަށް އަރަމުންދާ ޖޫރިމަނާއާއި އިންޓްރެސްޓް ބޭންކަން ދައްކަން ބިން ކުންފުންޏާއި ހަސަން އިސްމާއިލާއި، މުންޝިދާއި ބިގް ކުންފުނި އަދި މޫނިމާގޭ އަހްމަދު ޒަރީރުގެ ވަނީ ކޯޓުގައި އެއްބަސްވެފަ އެވެ.
އެހެންވެ، ސިވިލް ކޯޓުން އިއްޔެ ވަނީ މި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކޮންމެ މަހަކު 384،000ރ. އަށްވުރެ މަދުނޫން އަދަދެއް ބީއެމްއެލްއަށް ދެއްކުމަށް ބިގް ކުންފުންޏާއި، ހަސަން އިސްމާއިލާއި، މުންޝިދާއި ބިގް ކުންފުނި އަދި މޫނިމާގޭ އަހްމަދު ޒަރީރުގެ މައްޗަށް ހުކުމްކޮށްފަ އެވެ.
އަދި ލޯނާ ގުޅިގެން ލިބެންޖެހޭ އެންމެހައި ފައިސާ ދައްކައި ހަލާސްކުރެވި، ލޯނު އެކައުންޓު ބަންދުކުރެވެންދެއް، ލޯނު އެގްރީމެންޓާއި، ރަހުނު އެގްރީމެންޓުގެ ދަށުން ބޭންކަން ލިބިގެންވާ ހައްގުތަކާއި ބާރުތައް ބާތިލް ނުވާނެ ކަމަށްވެސް ސިވިލް ކޯޓުން ހުކުމްކުރި އެވެ.