ޓުވީޓަރގެ ސީއީއޯ އަކަށް މީޑިޔާގެ ނުފޫޒުގަދަ ކަނބަލެއް ހަމަޖައްސައިފި
ދެންމެ | 12 މެއި 2023

ޓްވިޓާގެ އާ ސީއީއޯގެ މަގާމަށް އެމެރިކާގެ ނޭޝަނަލް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޔުނިވަސަލް (އެންބީސީޔޫ) ގައި މީޑިއާ އެގްޒެކެޓިވް އެއްގެގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި ލިންޑާ ޔަކަރީނޯ އައްޔަން ކުރައްވައިފިއެވެ. އޭނާ އެމަޤާމަށް އީލޮން މަސްކް އައްޔަނު ކުރައްވާފައި މިވަނީ އެ މަގާމުން މަސްކް އިސްތިއުފާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިތާ މަސްތަކެއް ފަހުންނެވެ.

”ޓްވިޓާގެ އާ ސީއީއޯގެ މަގާމަށް ލިންޑާ ޔަކަރީނޯ އަށް މަރުހަބާ ދެންނެވުމުން ވަރަށް އުފާވޭ!“ މަސްކް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. ”މައިގަނޑު ގޮތެއްގައި އެކަމަނާ ފޯކަސް ކުރައްވާނީ ވިޔަފާރީގެ އޮޕަރޭޝަންތަކަށް ކަމަށާއި ޕްރޮޑަކްޓް ޑިޒައިނާއި އާ ޓެކްނޮލޮޖީއަށް އަޅުގަނޑު ފޯކަސް ކުރާނަން،“ އޭނާ ވިދާޅުވި އެވެ.

އެންބީސީ ޔުނިވާސަލްގެ ގްލޯބަލް އެޑްވަޓައިޒިން އެންޑް ޕާޓްނާޝިޕްސްގެ ޗެއާމަންގެ މަގާމު ދޫކޮށްލަން ނިންމާފައިވާކަން ޔަކަރީނޯ ވަނީ އިއުލާންކޮށްފައެވެ.

ޓްވިޓާގެ ސީއީއޯގެ ހައިސިއްޔަތުން ޔަކަރީނޯއަށް ކުރިމަތިލާން ޖެހޭނީ މަސްކް ޓްވިޓާއާއި ހަވާލުވުމަށްފަހު ގެނައި ބޮޑެތި ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއެވެ. މަސްކްގެ ހިޔާލު ތަފާތުވާ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއި ބަޔާންތަކުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ޓްވިޓާ ބޭނުންކުރި ބައެއް މީހުން ވެސް ވަނީ ޓްވިޓާއިން އެކަހެރިވެފަ އެވެ.

ސީއީއޯގެ މަގާމުން މަސްކް ފަހަތަށް ޖެހިވަޑައިގެންނެވި ނަމަވެސް، ކުންފުނީގެ ކުރިމަގުގައި އޭނާ އަދިވެސް ބޮޑު ކޮންޓްރޯލެއް ދަމަހައްޓާނެ ކަމަށް ބެލެވެ އެވެ. މީގެ ކުރިން މަސްކް ވަނީ އެ ކުންފުނީގެ އެގްޒެކެޓިވް ޗެއާމަންކަމާއި ސީޓީއޯގެ އިތުރުން އެ ޕްލެޓްފޯމްގެ ވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ލިންޑާ ޔަކަރީނޯ އަކީ އިޝްތިހާރު ކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށްވާއިރު، އޭނާ އަކީ އިންޑަސްޓްރީގައި އިނޮވޭޝަން އަދި ޓްރާންސްފޯމޭޝަން ޑްރައިވް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަންނާނެކެވެ. ފޯބްސް އިން ހޮވާ މީޑިއާގެ އެންމެ ނުފޫޒު ގަދަ އަންހެނުންގެ ލިސްޓްގައިވެސް ލިންޑާ ފާހަގަކޮށްފައިވާ އިރު، އެޑްވީކްގެ 2019 ވަނަ އަހަރުގެ ޓީވީ އެގްޒެކެޓިވް އޮފް ދަ އިޔާގެ މަގާމު ވެސް ވަނީ ލިބިފަ އެވެ.

ލިންޑާގެ އިސްނެންގެވުމުގެ ދަށުން އެންބީސީ ޔުނިވަރސިޓީން ވަނީ ޕްރޮގްރާމިންގގައި އިޝްތިހާރުތަކަށް ހުރަސްއެޅުން ލިމިޓްކުރާ ”ޕްރައިމް ޕޮޑްސް“ އާއި އެންބީސީ ޔުނިވަރސިޓީގެ ހުރިހާ ޕްރޮޕަޓީތަކެއްގައި ވެސް ޔުނިފައިޑް އިޝްތިހާރު ގަތުމުގެ ތަޖުރިބާ ފޯރުކޮށްދޭ ”ވަން ޕްލެޓްފޯމް“ ފަދަ އިނޮވޭޓިވް އެޑްވަޓައިޒިން ސޮލިއުޝަންތައް ތައާރަފްކޮށްފައެވެ.

ޔަކަރީނޯގެ ސްޓްރެޓެޖިކް ވިސްނުމާއި ކުރިއަރަމުން އަންނަ މީޑިއާގެ ބޮޑު މަންޒަރާ މެދު ވިސްނާލުމުން އެނގެނީ އޭނާ އަކީ މިއިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ފަންނާނެއްކަމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!