ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ދުއްވަން އެ ކުންފުނިން އައުޑީ ކިއު 7 މަރުކާގެ ކާރެއް ގަންނަން ހަރަދުކުރި ވަރަށްވުރެ އެ ކުންފުނީގެ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރގެ ސާފު ފައިދާ މަދުކަން ހާމަވެއްޖެއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ ދައުލަތުގެ ކުންފުނިތަކުގެ މާލީ ހިސާބުތަކުން ދައްކާގޮތުން ފާއިތުވި އަހަރުގެ 3 ވަނަ ކުއާޓަރގައި ފެނަކައަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.28 މިލިއަން ރުފިޔާއެވެ. ފެނަކައިން އެ އަހަރު އެމްޑީ ސައީދުގެ ބޭނުމަށް ގަތް ކާރުގެ އަގަކީ 2.8 މިލިއަން ރުފިޔާއެވެ. އެހެން ކަމުން 3 ވަނަ ކުއާޓަރގެ ސާފު ފައިދާއަށްވުރެ ކާރުގެ އަގު 1.5 މިލިއަން ރުފިޔާ ބޮޑެވެ.
ފެނަކައިގެ މާލީ ހާލަތު ވަރަށް ގޯސްވެފައިވާއިރުވެސް މިފަދަ ބޭކާރު ހަރަދުތައް ކުރަމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ކުންފުނިން އެކި ފަރާތްތަކަށް ދައްކަންޖެހޭ 2.8 ބިލިއަނަށްވުރެ ގިނަ ރުފިޔާ މިހާރު ނުދައްކާ އެބައޮތެވެ.
މާލީ ހާލަތު ގޯސްވިނަމަވެސް ފެނަކައިން ދަނީ އިންތިހާބުތަކާ ދިމާކޮށް ވަޒީފާތައް އުފެއްދުމާއި، ބޭނުމެއް ނެތް މަޝްރޫއުތައް ހިންގަމުންނެވެ. އާބާދީ ކުޑަ ރަށްރަށުގައިވެސް އިންޖީނުގެ ހިންގަން 15 ވަރަކަށް މީހުން މިހާރު އުޅެއެވެ. މީގެ ކުރިން އެފަދަ ތަންތަން ހިންގަމުން އައީ ދެތިން މުވައްޒަފުންނާއި އެކުގައެވެ.
ފެނަކައިގެ އެމްޑީ ސައީދަށް ކޮރަޕްޝަންގެ ތަފާތު ގިނަ ތުހުމަތު ކުރެވިފައިވެއެވެ. އަދި އެކަމުގެ ތަފްސީލުތައް ރައީސް އޮފީހާއި އޭސީސީން ވަނީ ހިއްސާކޮށްފައެވެ. ނަމަވެސް މިހާތަނަށް ރައީސް އިބްރާހީމް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވެއެވެ.