ރައީސް ޞާލިހު އަޒުލުކުރުމުގެ މަސަައްކަތުގައި އުޅޭ އެމްޑީޕީގެ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ އިން ބުނެފިއެވެ.
ރައީސް ޞާލިހު އަޒުލުކުރުމުގެ މަސައްކަތް ފަށާފައި ވަނީ ދިވެހިންނަށް ނޭނގި ދިވެހިންގެ ސަރަހައްދުން ބައެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިއްކާލައްވާފައިވާ ކަމަށް ބުނެއެވެ. އިދިކޮޅު ފަރާތްތަކުން އެ މަސައްކަތް ފަށާފައިވާކަން ހާމަކުރީ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެފަދަ ތުހުމަތުތަކެއް އިދިކޮޅު ފަރާތްތަކުން ކޮށްފައި ވަނީ ޗާގޮސްގެ އިމުގެ މައްސަލައިގައި ރާއްޖެއިން އަމަލުކޮށްފައިވަނީ ރާއްޖޭގެ މަސްލަހަތު ގެއްލޭގޮތަށް ކަމަށް ތުހުމަތުކޮށެވެ. ޕީޕީއެމް އިން އެ މަސައްކަތް ފެށި ނަމަވެސް ރައީސް ޞާލިހު އަޒުލުކުރުމަށް ހުށަހެޅުމަށް ސޮއިކުރާ ފަރާތްތަކުން ތެރޭގައި އެމްޑީޕި އަށް ނިސްބަތްވާ ބައެއް ބޭފުޅުން ވެސް ހިމެނެއެވެ.
ރާއްޖެޓީވީ އަށް މަޢުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒުގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެ މަސައްކަތުގައި އެމްޑީޕީގެ މެމްބަރުން ހަރަކާތްތެރިވެއްޖެ ނަމަ އެކަމާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ އެމްޑީޕީގެ އެއްވެސް މެމްބަރެއް ރައީސް ޞާލިހު އަޒުލުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާކަން އަދި އެ ޕާޓީއަށް އެނގިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ޕާޓީގައި ހުރެގެން އެފަދަ ކަމެއް ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެފަދަ މެމްބަރުންނާއި މެދު އަޅާނެ ފިޔަވަޅަކާއި މެދު ގޮތެއް ނިންމާނީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ކަމަށާއި، ފިޔަވަޅު އެޅުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ޕާޓީގައި ބައެއް މެމްބަރުން އެހެން ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވާ ކަމަށާއި އެކަން ބަލައި ނުގަނެވޭ ކަމަށެވެ. ޕާޓީގެ އަސާސީ ޤަވާއިދު ބުނާގޮތުން އެހެން ޕާޓީތަކުގެ ހަރަކާތްތަކުގައި އެފަދައިން ބައިވެރިވުމަކީ ޕާޓީން ވަކިވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން އިދިކޮޅު ފަރާތްތަކާއި އެކު މަސައްކަތް ކުރަމުން ދަނީ ޗާގޮސް މައްސަލައިގައި ސަރުކާރުން އަމަލު ކުރީ ރަނގަޅަށް ނޫން ކަމަށް ބުނެއެވެ.