ލަންކާ ރިޔާސީގަނޑުވަރަށް ރައްޔިތުން ވަދެގެންފި.
ދެންމެ | 09 ޖުލައި 2022

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ލަންކާ ސަރުކާރާ ދެކޮޅަށް މިއަދު ކުރިއަށްދާ ބޮޑު މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި ލަންކާގެ ރައީސްގެ ރަސްމީ ގެކޮޅަށް އެތައް ހާސް ބަޔަކު ވަދެއްޖެއެވެ.

އެގޮތުން ލަންކާގެ ދިދަ އަދި ހެލްމެޓާއެކު މުޒާހަރާގެ ގިނަ ބައިވެރިން ލަންކާގެ ރައީސްގެ ގެކޮޅަށް ވަންނަމުންދާތަން ލަންކާގެ ލޯކަލް ޓީވީ ނިއުސް، ނިއުސްފަސްޓް ޗެނަލްގެ ވީޑިއޯ ފުޓޭޖުންވެސް ފެނެއެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ވައިގެ ތެރެއަށް ބަޑިޖަހާފައިވީނަމަވެސް ރިޔާސީ ގެކޮޅު ވަށާލައި ތިބި މީހުން ހުއްޓުވޭގޮތް ނުވި ކަމަށް މަންޒަރު ދުށް ގިނަ މީހުން ހާމަކުރެއެވެ.

އަދި ރައީސްގެ ގެކޮޅުތެރެއިން ފޭސްބުކް ލައިވްސްޓްރީމެއްގައި ފެންނަ ގޮތުގައި މުޒާހަރާ ކުރަމުންދިޔަ އެތައް ބަޔަކު ދަނީ ދިދަ ހިފައިގެން ކޮޓަރިތަކަށާއި ކޮރިޑޯތައް ފުރާލައި، ރާޖަޕަކްސާއާ ދެކޮޅަށް ޝިއާރުތައް ގޮވަމުން ދެއެވެ. ރައީސްގެ ގެކޮޅުގެ ގޯތިތެރޭގައި ވެސް އެތައް ސަތޭކަ ބަޔަކު މުޒާހަރާ ކުރާ މަންޒަރު ފެންނަމުންދާއިރު ސަލާމަތީ އެއްވެސް އޮފިޝަލަކު އެސަރަހައްދުގައި ފެންނަންނެތްކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

ލަންކާގެ އިގްތިސާދީ ހާލަތު ދަށަށް ދިއުމަށް ގިނަބަޔަކު ތުހުމަތު ކުރަނީ ރައީސް ގޮޓަބަޔާ ރާޖަޕަކްސާގެ މައްޗަށެވެ. އެގޮތުން މިއަހަރު މާޗް މަހުން ފެށިގެން، އެމަނިކުފާނު އިސްތިއުފާދެއްވުމަށް ސުލްހަވެރި މުޒާހަރާތަކުގައި ދަނީ ޑިމާންޑްކުރަމުންނެވެ.

ލަންކާގެ ޑިފެންސް މިނިސްޓްރީގެ އިތުބާރު ހުރި މަސްދަރަކުން ހާމަކޮށްފައިވާގޮތުގައި މިއަދުގެ ބޮޑު މުޒާހަރާގެ ރޭވުންތަކާއެކު، ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ސަލާމަތަށްޓަކައި އެމަނިކުފާނުގެ ރަސްމީ ގެކޮޅުން އެހެން ރައްކާތެރިތަނަކަށް ހުކުރު ދުވަހު ވަނީ ބަދަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް