ޗާގޯސްގެ މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން ދުރުކުރަން ސޮއިކޮށްފައިވާ ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް އެގޮތަށް ވިދާޅުވީ ރޭ އެމްއެންޕީއިން ”ނާޒިމް ބުނީ ކީކޭ؟“ ގެ ނަމުގައި ކުރިއަށް ގެންދިޔަ ކްލަބްހައުސް ލައިވް އިވެންޓުގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ނެވެ.
ނާޒިމް ވިދާޅުވީ ޗާގޮސް މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ރައީސްއަށް ލިބިފައި ނުވާ ބާރެއްކަމަށެވެ. އަދި އެފަދަ ކަންކަން ނިންމުމުގެ ބާރު އޮތީ މަޖިލީހުގައިކަމަށްވެސް ވިދާޅުވެފައިވެއެވެ. އެހެން ވެ އެ ސަބަބާއިހުރެ ރައީސް ސޯލިހު އަޒުލުކުރުމަށް ސޮއިކުރެއްވިކަމަށް ހާމަކޮށްފައިވެއެވެ.
ނާޒިމް އެ އިޝާރާތް ކުރެއްވި ޗާގޯސްގެ މައްސަލައިގައި އިދިކޮޅު ޕާޓީތަކުން ހަދައިގެން އުޅޭ އިއްތިހާދުން، ރައީސް ސޯލިހުގެ އިތުބާރު ނެތް ކަމަށް ނަގަން އުޅޭ ވޯޓަށެވެ.
”މިހާރު އަަޅުގަނޑުމެންނަށް ގިނަ ބައެއްގެ ސޮއި ލިބެމުން މި އަންނަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވީހާ ވެސް އަވަހަކަށް ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމުގެ ކަންތައް ހުށަހަޅާނަން. އަޅުގަނޑުމެން މިހާރު މަޝްވަރާކުރަމުން މި ދަނީ މި ކަމުގައި އުޅޭ ޕާޓީތަކާ އެކުގައި،“ ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އެފަދައިން ވިދާޅުވި ނަމަވެސް މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްްޑީޕީގަ އެވެ. ރައީސް މަގާމުން ދުރުކުރަން މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި ވޯޓު ބޭނުންވާނެ އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ސަރުކާރުގައި ހިންގުންތެރިކަން ނެތްކަމަށާއި ގާބިލު މީހުން ނެތްކަމަށެވެ. ސަރުކާރުގެ ދޯހަޅި ސިޔާސަތްތަކުގެ ވާހަކަދައްކަވަމުން ’ޗައިނާ ފަސްޓް ޕޮލިސީ‘ ބަލައިގެންފާވާހިނދު ޓައިވާނަށް ސަފީރަކު ހަމަޖަށްސަން ބަލަންވާވަރަށް ނުބަލާ މަޖީލީހަށް ސިޓީ ފޮނުވާފައިވާ މައްސަލަ ފާހަގަ ކުރައްވާފައިވެއެވެ.