ރައްޔިތުންގެ މަޖިލީހުގެ ރަސްމީ މާލަމުގައި އިންނަވައި ”އަދަދު“ އަށް ދެއްވި ހާއްސަ އިންޓަވިއުއްގައި އީވާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މެދު އުއްމީދު ކަނޑުއްވައިލެއްވި ސީދާ ސިކުންތު ވެސް އޭނާގެ ހަނދާނުގައި އެބަހުއްޓެވެ.
މިހާރު 20 ހާހަށް ވުރެ ގިނަ މީހުން ބަލާފައިވާ ވީޑިޔޯގައި އެ ހާދިސާއަށް ފަހު ރައީސް ނަސީދާއި މެދު އިބޫ ކަން ކުރެއްވި އިހާނެތި ގޮތް އީވާ ވިދާޅުވެ ދެއްވާފައިވެ އެވެ.
”އަޅުގަނޑަށް އެނގޭ ހަމަ ސިކުންތައް ދަންދެން. ދެން މަށަކަށް މި މީހާއާ އެކީ ނޫޅެވޭނެޔޭ ހިތަށް އެރި ހިސާބު އަޅުގަނޑަށް އެނގޭ،“ އީވާ ވިދާޅުވި އެވެ. ”އަޅުގަނޑު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ގުޅުން ކެނޑުނު ހިސާބަކީ އެ ބޮމަށް ފަހު ރައީސް ނަޝީދު [ޖަރުމަނަށް ވަޑައިގެން] ފަރުވާ ހޯއްދެވުމަށް ފަހު އަނބުރާ މާލެ ވަޑައިގަންނަވަންދެން އެންމެ ފަހަރަކު ވެސް، އެންމެ ފަހަރަކު ވެސް އިބްރާހީމް މުހައްމަދު ސޯލިހު ނުހުންނާނެ ރައީސް ނަޝީދަށް، ހާލު އަހައިލަން ވެސް ގުޅައިލާފައި.“
އީވާއަށް އެކަން އެނގިވަޑައިގެންނެވީ، އޭރު ނަޝީދު އަރިހުގައި ޖަރުމަނަށް ވަޑައިގެން އުޅުއްވީ އީވާގެ ފިރިކަލުން ސާބެ އާއި ނަޝީދުގެ ދެބެންގެ ދެދަރި ބޭފުޅެއް ކަަމަށްވާ ފާތިނާ އަބްދުލްހަކީމް ކަމަށް ވެފައި، ނަޝީދުގެ ހާލު ބެއްލެވެން އޮތީ ހަމަ އެކަނި އެ ދެބޭފުޅުންނާ ގުޅައިގެން ކަަމަށް ވާތީ އެވެ.
”ދެން މީހުން އެވާހަކަ ދައްކަން ފެށީމާ [އެމްޑީޕީ] ގެ ގައުމީ މަޖިލީހުގައި ވިދާޅުވި [ނަޝީދަށް] ގުޅުއްވީމާ އެއްޗިހި ކިޔާތީއޭ [ވާހަކަ ނުދައްކަވަނީ]،“ ބޮމުގެ ހަމަލާއަށް ފަހު ކަންހިނގި ގޮތުގެ ހަނދާން އާކުރައްވަމުން އީވާ ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ ހާލަތަކީ ”އެއްޗިހި ކިޔަސް“ ހާލު ބަލަން ޖެހޭ ވަގުތެކެވެ. ރަހުމަތްތެރިއަކަށް ނުވަތަ އާއިލާގެ މީހަކަށް އެވަރުގެ ދެރަކަމެއް ދިމާވެއްޖެ ނަމަ، އެވަގުތުގައި ރުޅިވެރިކަމެއް އޮތަސް އެކަން އެއް ފަރާތެއްގައި ބާއްވާފައި ބަލާނީ އެމީހަކަށް އަޅައިލެވޭތޯ އެވެ. އެއީ އިންސާނީ ތަބީއަތެވެ.
އީވާ ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތާއި ވެރިންގެ މެދުގައި ހިނގާ ސިޔާސީ ކޯޅުންތަކަށް ވުރެ އިންސާނީ އެފަދަ ގުޅުންތަކާއި އާއިލީ މުއާމަލާތްތައް އޭނާއަށް މާ މުހިންމެވެ.
”އަޅުގަނޑަށް މުހިންމު ކަންކަން މިހުންނަނީ. ވެރިން ބައިތިއްބާ. ގައުމުގެ ވެރިޔާތޯ ޕާޓީގެ ވެރިއެއްތޯ، ރައްޔިތުންގެ މަޖިލީހުގެ ރައީސްތޯ، ވެރިން ބައިތިއްބާ. ރަހުމަތްތެރިކަމާ އިންސާނީ ކުލުނާ އެއީ އަޅުގަނޑަށް މުހިއްމުވާ ކަންކަން އެއީ،“ އީވާ ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގެންނެވި ގޮތުގައި އާއިލީ އަދި ރަހުމަތްތެރިކަމުގެ ގުޅުންތަކުގައި އެވަރުގެ ކުލުނު ނެތް ބޭފުޅަކަށް ”ކުލުނާ އެކު“ ގައުމުގެ ވެރިކަމެއް ނުކުރެއްވޭނެ އެވެ.