އަދީބުގެ އެމްޓީޑީއަށް އަދަދު ހަމަކޮށް އިތުރު ކޮށްފި
ދެންމެ | 12 ޖޫން 2022

ގާނޫނުގައި ބުނާ އަދަދު ހަމަނުވާތީ އުވާލަން ނޯޓިސް ދީފައި އޮތް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް(އެމްޓީޑީ) އިން ވެސް 3000 މެމްބަރުން ހަމަކޮށްފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީތަކުގައި މަދުވެގެން 3،000 މެންބަރުން ތިބެން ޖެހެއެވެ. އެ އަދަދު ނެތްނަމަ އޮންނަ ގޮތަކީ ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދު ހަމަކުރުމެވެ.

 

މެންބަރުން ހަމަނުވެ އޮވެގެން ނޯޓިސް ދިން ޕާޓީތަކަކީ:

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)

ގާނޫނީ ވަކީލު އަބްދުﷲ ހަސީން އިސްކޮށް ހުންވައިގެން އުފެއްދެވި މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)

ކުރީގެ ރައީސް މައުމޫން އިސްކޮށް ހުންނަވާ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެމްޓީޑީ

އީސީގެ ނައިބު ރައީސް ހަބީބު ވިދާޅުވީ އެމްޓީޑީންވެސް އެއަދަދަށް ފޯމު ހުށަހަޅާފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ސައްހަކަން ކަށަވަރުކުރުން ކަމަށެވެ. އެހެންކަމުން އެ ޕާޓީގެ ނަން އުވާލާ ލިސްޓުން އަދި އުންޏެއް ނުކުރެއެވެ.

އެމްޓީޑީއަށް މެމްބަރުން ހަމަކުރަން މުހުލަތުދީ ނޯޓިސް ފޮނުވިއިރު، އެޕާޓީގައި ތިބީ 2489 މެމްބަރުންނެވެ.

އެމްޓީޑީ ރަޖިސްޓްރީކޮށްފައިވަނީ، 2018ވަނަ އަހަރުގެ ޑިސެމްބަރު 27 ވަނަ ދުވަހުއެވެ. މި ޕާޓީގެ ރައީސް އަދީބު މިވަގުތު ހުރީ އެމްއެމްޕީއާރްސީ މައްސަލާގައި ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ނަމަވެސް ބަލި ހާލަތުގެ ސަބަބުން ކަމަށް ބުނެ އޭނާ ޖަލު ހުކުމް ތަންފީޒުކުރަނީ ގޭބަންދުގައި ހުރެގެންނެވެ.

އެމްއާރްއެމްއިންވެސް ވަނީ 3000 މެމްބަރުން ހަމަކޮށްފަ އެވެ. ހަބީބު ވިދާޅުވީ، އިތުރު ޕާޓީތަކުންވެސް ފޯމު ހުށަހަޅަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!