މޯލްޑިވްސް ނެޝެނަލް ޕާޓީ(އެމްއެންޕީ)ގެ ސަރުކާރެއްގައި ސެކްސް އެޑިއުކޭޝަން ތައާރަފް ކުރާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް ބުނީ ކީކޭގެ ނަމުގައި ކްލަބް ހައުސްގައި ކުރިއަށްގެންދާ ޕްރޮގްރާމްގައި ބޭހުގެ ރައްކާތެރިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި ކުދިންގެ ”މެންޓަލް ހެލްތް“ ރަނގަޅު ކުރުމަށް ގިނަ ޕްރޮގްރާމްތައް ރާވާނެ ކަމަށެވެ.
”އެ މީހުންނަކީ ނަފްސާނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ވަރުގަދަ ބަޔަކަށް ހެދުމަށްޓަކައި، މަސައްކަތް ކުރަމުންގެންދާނަން“،
ނާޒިމް ވިދާޅުވީ، ނަފްސާނީ ގޮތުން މީހާ ވަރުގަދަ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިހާރު ފެނިގެން ދަނީ ކުޑަ ކަމެއް ދިމާވިޔަސް އެ ކުދިން ހިތާމައިގެ ތެރެއަށް ދާ މަންޒަރު ކަމަށާއި، އެހެން ނަމަވެސް އެ ކުދިންނަކީ ”ފިޒިކަލީ އަދި މެންޓަލީ“ ރަނގަޅު ބައެއް ކަަމަށް ވިސްނާ ދޭން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
”ހަށިގަނޑު ބާރުގަދަވެދާނެ ވަރުގަދަ ވެދާނެ، އެހެން ނަމަވެސް އޭނާގެ ސިކުނޑަކީވެސް ވަރުގަދަ ބަޔަކަށް ހެދުމަށްޓަކައި މަސައްކަތް ކުރަން އެބަ ޖެހޭ. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ބަލާނަން ސްކޫލުން ނިމޭ ކުދިންނަކީ ރަނގަޅު ހަރުދަނާ، މުޖުތަމައު ބަލައިގަންނަ، އެ މީހުންނަކީ ފިޒިކަލީ ވަރުގަދަ އަދި މެންޓަލީ ވަރުގަދަ ބައެއް ގޮތަށް ހެދުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ހިންގާ، އަދި އެ މީހުންނަކީ ސޮސައިޓީގައި ހުރި ކަންކަންވެސް އެނގޭ ބަޔަކަށް ހަދަން“،
އެ މޭރުމުން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ސްކޫލް ސިސްޓަމްގެ ތެރެއަށް ކުޑަކުދިންނާއި ބެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހަރަކަތްތްތައް ހިންގާނެ ކަމަށެވެ.
”ބައެއް ފަހަރު މި ވަނީ ވަރަށް ލަދުވެތި ކަމެއްގެ ގޮތުގައި މި ފެންނަނީ އެ ވާހަކަ ދެއްކުން، އަޅުގަނޑުމެންނާއި ބެލެނެވެރިންނާއި ސްކޫލްތަކުގައި ކޮބައިކަން އަަސްލުގައި ކުއްޖެއްގެ ލަދުވެތި ގުނަވަންތަކަކީ ނުބެނެދެވޭ“.
އެހެންކަމުން، އޭނާގެ ސަރުކާރެއްގައި އަންހެން ކުދިންނަށްވެސް އަދި ފިރިހެން ކުދިންނަށްވެސް އަތް ނުލެވޭނެ ތަންތަން ނުކުރެވޭނެ ކަންކަން ކިޔާ ދޭނެ ކަމަަށް ނާޒިމް ވިދާޅުވިއެވެ.
”މިހާރު މި ވަނީ ވަރަށް ލަދުވެތި ކަމެއްގެ ގޮތުގައި، އެހެން ނަމަވެސް އަޅުގަނޑު ގަބޫލު ކުރާގޮތުގައި އަޅުގަނޑުގެ ސަރުކާރެއްގައި ސެކްސް އެޑިއުކޭޝަން ތައާރަފް ކުރާނަން، ކިޔަވާދޭނަން، އޭގެ ރަނގަޅު ގޮތާއި ގޯސްގޮތް ބުނެ ދިނުމަކީ ވަރަށް މުހިންމު ކަމެއް“. ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ކުދިންނަށް ގޯސް ގޮތާއި ރަނގަޅު ގޮތް ބުނެދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ، ޖިންސީ ވަރަށް ގިނަ މައްސަލަތައް ފެންމަތިވަމުންދާކަން މަޖިލީސްގެ ޖެންޑާ ކޮމެޓީންވެސް އެނގޭ ކަަމަށެވެ.
”ރާއްޖޭގައި ނިސްބަތުން ގިނަ ގޭގޭގައި މި ހުންނަނީ މި މައްސަލަގަޑު ދިމާވެފައި. ކޮންމެވެސް ކުއްޖެއްގެ ގައިގައި އަތްލައިގެން ކަންތައް ދިމާވެފައި، މީގައި ދިމާވާ ކަމަކީ، މިކަންތައް ސިއްރު ކުރަންވެސް މަޖުބޫރުވޭ، އެންމެ ބޮޑުކޮށް ހުންނަ ގޭގައި އިންކަމް ލިބޭ މީހާ މި ސަކަރާތެއް މި ޖަހަނީ، އެހެންވީމަ މުޅި ގެ ނަފްސާނީވޭ.“.
އެހެންވީމަ އޭނާގެ ސަރުކާރެއްގައި ސެކްސް އެޑިއުކޭޝަން ތައާރަފްކޮށް، އެންމެ ތުއްތު ކުއްޖާއިން ފެށިގެން ބޮޑު މީހާއާ ހަމައަށްވެސް ގޯހާ ރަނގަޅު ވަކިކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.