މާލެ ސަރަހައްދުން ހިލޭ ބަހާ ގޯތި ލިބުނު މީހުންނާއި ޝަރުތު ހަމަވެ އެހެން ބަޔަކާ ގުޅިގެން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނިޔާވެފައިވާ އެތައް ބަޔަކު ހިމެނޭކަން ހާމަވެއްޖެއެވެ.
ގޯތި ލިބޭ މީހުންގެ ލިސްޓު ދިރާސާކޮށް ބެލި ބެލުމުން އެ ލިސްޓުގައި ގޯތި ލިބުނު މީހުންގެ ތެރޭގައި މިހާރު ދުނިޔޭގައި ނެތް ގިނަ ބަޔަކު ހިމެނޭކަންވަނީ ފާހަގަވެފައެވެ. އޭގެ ތެރޭގައި އެހެން ބަޔަކާ ގުޅިގެން ގޯތި ލިބުނުކަމަށް ކަނޑައަޅާފައިވާ މީހުންނާ އެކަނި ގޯތި ލިބުނު މީހުންވެސް ހިމެނެއެވެ.
ނިޔާވެފައިވާ ގިނަ ބަޔަކަށް ގޯތި ލިބޭނެކަމަށް ކަނޑައަޅައި ލިސްޓުކޮށްފައިވާއިރު، ލިސްޓު ޝާއިއުކުރުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ނިޔާވެފައިވާ މީހުންނަށް ގޯތި ލިބުމުން އަމަލުކުރާނެ ގޮތެއް ބުނެފައިނުވެއެވެ.
އެހެންކަމުން ނިޔާވެފައިވާ މީހުންނަށް ލިބުނު ގޯތި ލިބޭނީ އެމީހުންގެ ވާރުތަވެރިންނަށްކަމެއް ނުވަތަ ނޫންކަމެއްވެސް ސާފުނުވެއެވެ. އަދި ދިރިއުޅުމުގެ ހާލަތަށްވެސް ބަލައިގެން ޕޮއިންޓުދިން ކަމަށް ބުނާއިރު ނިޔާވެފައިވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރި ގޮތެއްވެސް ނޭނގެއެވެ.
ދިރިއުޅުމުގެ ހާލަތު ވަޒަންކުރިކަމަށް ސަރުކާރުން ބުނި ނަމަވެސް ގޯތި ލިބޭކަމަށް ކަނޑައެޅި މީހުންގެ ތެރޭގައި ބޮޑެތި ވިޔަފާރިތައް ކުރާ މާލޭގައި އެތައް ބުރިއަކަށް ބޮޑެތި އިމާރާތްތައް ބިނާކޮށްފައިވާ މަހުޖަނުން ހިމެނެއެވެ.
އޭގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ބޭރު މީހުންވެސް ގޯތި ލިބުނު މީހުންގެ ލިސްޓުގައި ހިމެނެއެވެ. ގޯތި ލިބުނު މީހުންގެ ތެރޭގައި ހިމެނޭ ބޭރު މީހުންގެ ގިނަ މީހުންނަކީވެސް މާލޭގައި އެމީހުންގެ އަމިއްލަ ގިނަ ވިޔަފާރިތައް ޤާއިމުކޮށްފައިވާ ތަނަވަސް މީހުންކަން ފާހަގަކުރެވެއެވެ.
މާލެ ސަރަހައްދުން ގޯތި ބަހާފައިވަނީ މާލޭގެ ވަޒަންވެރިންގެ ތެރެއިން ކުރިން އެހެން ރަށެއްގައި ރަޖިސްޓަރީވެފައިވާ އެންމެނަށް ގޯއްޗަށް ކުރިމަތިލުން މަނާކުރާ އުސޫލެއްގެ ތެރެއިންނެވެ. އެހެންކަމުން މާލޭގައި އުޅެ ބޮޑުވިޔަސް މާލެ ނޫން ތަނެއްގައި އެއްވެސް އިރެއްގައި ރަޖިސްޓަރީ އޮތް ބަޔަކަށް ގޯތި ނުލިބެއެވެ.
އޭގެ އިތުރަށް މާލެ ސަރަހައްދުގައި އުފައްދާ ބިމަކީ މި ސަރަހައްދުގައި އޮތް އާބާދީއާއި ޤާއިމުވެފައިވާ ވަސީލަތްތަކުގެ ސަބަބުން ދުނިޔޭގެ ނިސްބަތުންވެސް އެންމެ އަގުބޮޑު ބިންތައްކަމަށްވާއިރު މާލެއަށް ނިސްބަތްވާ ބަޔަކަށް އެކަނި މި ބިންތައް ހިލޭ ބެހުމަކީ ވަކި ބަޔަކަށް މާލީ މަންފާއެއް ދިގު މުއްދަތަށް ހޯދައިދިނުންކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.
މާލެ ސަރަހައްދުން ބަހާ ގޯތި، މާލެ މީހުންނަށް ދެނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްކަމުގައި ސަރުކާރުން ބުނާއިރު އެގޯތިތަކުގައި ވިޔަފާރިކޮށްގެން އާމްދަނީ ހޯދުމުގެ ފުރުސަތު ގޯތި ލިބޭ މީހުންނަށް އޮންނާނެކަމަށްވެސް ސަރުކާރުން ބުނެއެވެ. އަދި ގޯތީގައި ގެދޮރުއަޅައި ކުލީ ވިޔަފާރިކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ.