މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އުފުލާފައިވާ ދައުވާތައް އަލުން އަނބުރާ ގެންގޮސް ސްޕްރީމް ކޯޓުން އިއްވާފައިވާ ދެ މަހުގެ ހުކުމްވެސް ބާތިލުކުރުމުން އަލީ ވަނީ މިއަދު މެންދުރު ފަހު ރާއްޖެ ވަޑައިގެންފަ އެވެ.
ދެ އަހަރު ފަހުން ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރެއްވުމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓެއްގެ ރަނިން މޭޓެއްގެ ގޮތުގައި ފެނިދާނެތޯ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަލީ ވިދާޅުވީ އޭނާއަކީ ވަކި މަގާމެއްގައި ބަގުޑި ބައްދައިގެން ހުންނާނެ މީހެއް ނޫން ކަމަށެވެ.
”އަޅުގަނޑަށް އަދި 39 އަހަރު ނުފުރޭ އަދި، އަޅުގަނޑު ދެކޭ ގޮތުގައި 40 ނުވަނީސް ބުއްދިވެސް ހަމަ ނުޖެހޭނެ،“ ރަނިން މޭޓެއްގެ ގޮތުގައި ހުންނަން ހިޔާލު ނުކުރައްވާކަން ހާމަކުރައްވައި އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަނބުރާ ރާއްޖެ ވަޑައިގެންނެވީ ގައުމަށް ހިދުމަތް ކުރުމަށެވެ.
އެހެންކަމުން ގައުމަށް ހިދުމަތް ކުރުމަށް ލިބޭ ފުރުސަތެއްގެ ބޭނުން ހިފާނެ ކަމަށާއި ނަމަވެސް ވަކި މަގާމެއްގައި ބަގުޑި ބައްދައިގެން ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދެ މަހަށްވުރެ ކުޑަތަން ވެފައި ވަނިކޮށް އަލީ މިއަދު ރާއްޖެ ވަޑައިގެންނެވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިނާ ގުޅިވަޑައިގަތުމަށެވެ.
އެގޮތުން އޭނާ މިއަދު ވަނީ ރައީސް އިބްރާހީމް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެގި ކަމަށް ބުނެ އޭނާ ކުރިން ކުރި ތުހުމަތުތައް ވެސް ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭރު ރައީސަށް އެ ކުރި ތުހުމަތުތަކަކީ ”ސްމޯކް ސްކްރީނެކެވެ.“
އަލީ ވިދާޅުވީ އޭނާއަށް ޖިންސީ ފުރައްސާރައިގެ ދައުވާކުރީ ފްރޭމްކޮށްގެން ކަމަށާއި ނަމަވެސް އޭގެ ފަހަތުގައި ހުންނެވީ ރައީސް އިބްރާހީމް އަދި ރައީސް އަބްދުﷲ ޔާމީން ނޫން ކަމަށެވެ. ނަމަވެސް އެކަން ކުރީ އެމްޑީޕީގެ އިސްވެރިންތަކެއް ކަމަށް ވިދާޅުވި އެވެ.
ގުޅުންހުރި ލިޔުންތައް