ކަންމަތީ ފިހާރަތަކުން ޓެކްސް ދައްކާކަށް ނުޖެހޭނެ، ޓެކްސް ކަނޑާލާނަން: އިލްޔާސް
ދެންމެ | 03 ސެޕްޓެމްބަރ 2023

ކަންމަތީ ފިހާރަތަކުގެ ޓެކްސް ދައްކަން ނުޖޭނެ ގޮތަށް ޓެކްސް ނިޒާމް ބަދަލުކުރައްވާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަހުސްގައި އިލްޔާސް ފާހަގަ ކުރައްވާ ގޮތުގައި އޭނާގެ ”ފަސޭހަ ވިޔަފާރި“ ޕޮލިސީގެ ދަށުން ވެސް ޒުވާނުންނަށް އަލަށް ވިޔަފާރިތައް ފެށުމަށް ގިނަ ފުރުސަތުތަކެއް ދޭނެ އެވެ. އަތުގައި ލޯ ލާރިއެއް ނެތަސް، މޯގޭޖްކުރާނެ އެއްޗެއް، އިކުއިޓީއެއް ނެތް ނަމަވެސް، ވިޔަފާރި ޕްރޮޕޯސަލް ހުށަހެޅުމުން ފައިނޭންސް ހަމަޖައްސައިދޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި، އާންމު ފަރުދުންގެ އާމްދަނީ މި ސަރުކާރަށް އިތުރުކޮށެއް ނުދެވުނެވެ.

ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވެ، 2026 ވަނަ އަހަރު ބޮޑު ދަރަންޏެއް ދައްކަން ޖެހިފައިވާއިރު، އެކަން ކުރެވޭނެ ނިޒާމަކަށް ވެސް އިލްޔާސް އަށް ފެންނަ ކަމަކީ ފަރުދުންގެ އާމްދަނީ އިތުރުކުރުމެވެ. ފަރުދުންގެ އާމްދަނީ އިތުރުކުރުމުން، ގައުމުގެ އިގުތިސޯދު ވެސް ކުރިއަރައި، މަސައްކަތްތެރިކަން އިތުރުވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ، މި ސަރުކާރަށް ކަން ކުރަން ނޭނގުނު ނަމަވެސް، އޭނާއަށް ދަރަނިތައް އަދާކުރާނެ ގޮތް އެނގިވަޑައިގަންނަވާ އެވެ. އެގޮތުން، ދަރަނިތައް ރީސްޓަރަކްޗާކޮށް ގްރާސް ޕީރިއަޑް އިތުރުކުރުމަށް މަސައްކަތް ކުރާނެ އެވެ. އަދި ޓެކްސް ބޭސް ބޮޑުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އިލްޔާސް ވިދާޅުވި ގޮތުގައި، ކަންމަތީ ފިހާރަތަކުންނާއި ކުދި ވިޔަފާރިތަކުން ޓެކްސްއެއް ނުނަގައި، ބޮޑެތި ވިޔަފާރިތަކުން ނަގާ ޓެކްސް ބޮޑުކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!