ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ކ. މާފުއްޓަށް ކޮށްދޭނެ ކަަމަށް ވައުދުވެވަޑައިގެން ހުރިހާ ރިޔާސީ ވައުދެއް ފުއްދިއްޖެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ދެވަނަ ދައުރެއް ހޯއްދެވުމަށް އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާފުއްޓަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމަށް އައީ ވައުދުތަކެއް ވެގެން ކަމަށާއި، އެ ވައުދުތައް ފުއްދަމުންދާ ކަމަށެވެ.
ހުރަސްތަކާ ދަތިތަކާއެކު ވެސް، ރާއްޖޭގެ އެކި ރަށްރަށްވީ ވައުދުތަކުގެ 90 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ރައީސް ތަކުރާރުކުރެއްވި އެވެ.
”.. ރިޔާސީ ވައުދުގެ ގޮތުގައި މިރަށަށް [މާފުއްޓަށް] އަޅުގަނޑުމެންވީ ވައުދުތައް މިހާރު ހުރިހާ މަސައްކަތެއް ކޮށް ނިމުމަކާ ހިސާބަށް ހިނގައްޖެ،“ ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ދެން ހުރީ ފަހުން މާފުށީ ކައުންސިލުން އެދިގެން ކުރަން ނިންމާފައިވާ ކަންކަން ކަމަށް ރައީސް ވިދާޅުވި އެވެ.
މާފުށީގައި ހުރެ ރިޔާސީ އިންތިހާބުގައި ވީ އެންމެ ބޮޑު އެއް ވައުދަކީ ރަށަށް ބިން އިތުރުކޮށް ޕިކްނިކް އައިލެކްޑެއް ހޯދައިދިނުން ކަމަށާއި އެ ދެކަންތައް ކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކޮށް މާފުށީގައި ހޮސްޕިޓަލެއް އެޅިކަމަށް ވިދާޅުވި އެވެ.
ދެވަނަ ދައުރަކަށް އިތުރު ވައުދު ވަމުން ރައިސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދައުރެއްގައި ވެރިކަމަށް ހޮވިއްޖެ ނަމަ އެންމެ އިސްކަމެއް ދޭނީ ޒުވާނުންނަށެވެ. އެގޮތުން ޒުވާނުންނަކީ މުޖްތަމައުގައި ބަސް ބުނެވޭ ބަޔަކަށް ހަދާނެ ކަމަށް ވިދާޅުވި އެވެ.
”ކުރިއަށް އޮތް ދައުރަށް އަޅުގަނޑުމެން ކުރިމަތިލާ އިރުގައި ވާ ވައުދުތަކެއް އެބަހުރި އަދި އަމާޒެއްވެސް އެބަ އޮތް، ކުރިއަށް މިއޮތް ދައުރު އެންމެ މުހިންމު އަމާޒަކީ އާ ޒުވާނުންނަށް އެ ޖީލަށް ފުރުސަތު ހުޅުވާލުން،“ ރައީސް ވިދާޅުވި އެވެ.
ގުޅުންހުރި ލިޔުންތައް