ކަނޑައެޅިގެން އިތުރުފުޅު ނުހެއްދެވުމަށް ރައީސް އިބްރާހީމުގެ އެކުވެރިޔާ ރީކޯ މޫސާމަނިކު، އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ގޮވާލައްވައިފިއެވެ.
ރީކޯ މިފަދައިން ގޮވާލައްވާފައި މިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިން މޭޓުކަމަށް އެއްވެސް މިންވަރެއްގެ ޝައުޤުވެރިކަމެއް ނެތްކަމަށާއި އެވާހަކަ ދައްކަވަނީ ރީކޯ މޫސާމަނިކުކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވުމާއި ގުޅިގެންނެވެ.
ރައީސް އިބްރާހީމުގެ ކެބިނެޓުގައި އަދި ވެރިކަންކުރާ އެމްޑީޕީގައިވެސް އެންމެ ނުފޫޒުގަދަ އެއް ލީޑަރުގެ ގޮތުގައި ފާހަގަކުރެވޭ ފައްޔާޒު ރައީސްގެ ރަނިން މޭޓުކަމަށް ވާދަކުރައްވަން ކެމްޕެއިން ކުރައްވާކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެކަމާ ގުޅިގެން ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ”އަޅުގަނޑުގެ އެއްވެސް އިންޓެރެސްޓްއެއް ތިޔަކަމަށް [ރަނިން މޭޓުކަމަށް] ނެތް“ ކަމަށެވެ. ފައްޔާޒު އެފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީ ތެރޭގައި އޭނާ އެ މަޤާމަށް ގެނައުމަށް އެދިވަޑައިގަންނަވާ ބައެއް މަޖިލިސް މެންބަރުން އެކަމަށް ރައީސް އަރިހުގައި ވިދާޅުވަމުންގެންދަވާކަމަށް ވެއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ އޭނާ ރަނިންމޭޓުކަމަށް ގެނައުމުގެ ވާހަކަތައް ދައްކަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައީސް އިބްރާހީމުގެ ރިޔާސީ ކެމްޕެއިނުގެ ޖަޑިބުގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ރީކޯ މޫސާމަނިކު ކަމަށެވެ.
ފައްޔާޒުގެ އެ ޓްވީޓަށް ރައްދު ދެއްވައި ރީކޯ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންއަކަށް ހުންނަވަން ވާނީ އާއްމު މެންބަރުންނާ ޒާތީ ނުވެ އެ ޕާޓީގެ މެންބަރުންނާއެކު އުޅެވޭނެ މީހެއް ކަމަށެވެ.
އަދި ނޫސްވެރިންގެ އާޓިކަލްތަކުގެ ސަބަބުން އާއްމު ތަންތަނުގައި އޭނާއަށް ދިމާކުރެއްވުމަކީ މިނިސްޓަރު ފައްޔާޒުވެސް ކުރައްވައިގެންވާނެ ކަމެއް ނޫންކަމަށް ރީކޯ މޫސަ ވިދާޅުވެފައިވެއެވެ.
އެކަން ފާހަގަކުރައްވާ އޭނާ ވަނީ ”ކަނޑައެޅިގެން ދޮގު ވާހަކަ ނުފެތުރުމަށް“ މިނިސްޓަރު ފައްޔާޒަށް ގޮވާލައްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އިބްރާހީމު ވ.އަތޮޅުގައި ހުންނަވައި ބައެއް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ރަނިން މޭޓަކު އިޚުތިޔާރުކުރުމަކީ މިވަގުތު އެމަނިކުފާނު އެންމެ ވިސްނަވާ ކަންތައް ކަމަށެވެ.
އެމަނިކުފާނާއެކު އިއްތިހާދުވެފައިވާ އަދާލަތާއި އެމްޑީއޭގެ ލީޑަރުންނާއެކު އެކަމާމެދު މިހާރުވެސް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ނިންމަވައި އިއުލާނުކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި ރައީސް އިބްރާހީމުގެ ރަނިން މޭޓު ނިންމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ އެމަނިކުފާނަށް އެންމެ ބޮޑު މަދަދެއް ދެމުންދާ އަވައްޓެރި އިންޑިއާއިންނެވެ. ޚާރިޖީވަޒީރު ޝާހިދުވަނީ ދާދިފަހުން ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެން އެ ޤައުމުގެ ބައެއް ވެރިންނާ ބައްދަލުކުރައްވައިފައެވެ.
ރީކޯ މޫސާ