މަހު ލޮލުން ލޮދި އިތުރުކޮށް، ސިކުނޑި ތަރައްގީ ކޮށްދޭ!
ދެންމެ | 20 ޖުލައި 2023

މަހުގެ ބޮލަކީ އަހަރެމެން ދިވެހިން ޒަމާނުއްސުރެ ކަމުން އައި މީރު އެއްޗެކެވެ. އާއްމު ގޮތެއްގައި މަހުގެ ބޯ އަހަރެމެން ކަނީ ގަރުދިޔަ ކައްކައިގެންނެވެ. ބޯ ކާއިރުގައި ބޮލުގައި އިންނަ ލޯ ނުވަތަ ތުޔަކީ އެ އެއްޗެއް ކެއުމަށް ގިނަބަޔަކު އެއްމެ ޝައުގުވެރިވާ އެކައްޗެވެ.

މަހުގެ ލޮލަކީ އޭގައި މީރު ރަހައެއް އެކުލެވިގެންވާ އަނގަޔަށް މީރު މަޑު މަސްތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ލޮލުގެ ލޮންޖާއި ލޮލުގެ އޮށަކީވެސް ހަމަ މިފައިން ކައި އުޅޭ އެއްޗެއްސެވެ.

ބޯ ކައި އުޅޭ އިރު، މަހުގެ ލޯ ކެއުމަށް ގިނަ ބަޔަކު ބޭނުންވާއިރު، މިއީ ސިއްހަތަށްވެސް ފައިދާހުރި ކެއުމެކެވެ. އެގޮތުން މަހުގެ ލޮލުގައި އަންސެޗުރޭޓެސް ފެޓްސް ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ. އޭގެ ތެރޭގައި ޑީ.އެޗް.އޭ އަދި އީ.ޕީ.އޭ ފަދަ ފެޓީ އެސިޑްތައް ހިމެނެއެވެ. ޑީ.އެޗް.އޭ އަދި އީ.ޕީ.އޭ އަކީ ސިކުނޑީގެ މަސައްކަތްތައް ފަހިކޮށްދީ ތަނަވަސްކޮށްދީ ފުޅާކޮށްދީ، ތޫނުފިލިކަން އިތުރުކޮށްދީ ސިކުނޑީގެ މަސައްކަތްތައް އަވަސްކޮށްދިނުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.

އަދި ހަމަ އެއާއި އެކު މި މާއްދާތަކުގެ އެހީގައި ސިކުނޑީގެ ހަތާތައް ހެދިބޮޑުވެ، ވަރުގަދަވުން އިތުރުކޮށްދިނުމަށް އެހީތެރިވެދެއެވެ. އެހެންކަމުން މަހު ބޮލުގެ ލޯ ނުވަތަ ތުއި ވެފާ މި ވަނީ ސިކުނޑީގެ ދުޅަހެޔޮކަމާއި، ސިކުނޑި ތަނަވަސްކަމާއި އަދި ދަސްކުރުމުގެ ބާރު އިތުރުކޮށްދިނުމަށް އެހީތެރިވެދޭ ކާނާއެއްގެ ގޮތުގައެވެ.

މީގެ އިތުރުން މަހު ބޮލުގެ ލޮލުގައި ހުންނަ އެހެން ބައެއް ފައިދާކުރަނިވި މާއްދާތަކަށް ބަލާލާއިރު، ވިޓަމިން އޭ، ޕްރޮޓީން އަދި އޮމެގާ 3 ހިމެނެއެވެ. މަހު ބޮލުގެ ލޮލަކީ ނުވަތަ ތުޔަކީ އަނގަޔަށް މީރު އަދި ހަށިގަނޑަށާއި ސިކުނޑިއަށް ފައިދާހުރި އެއްޗެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!