ސިޔާމަކީ ކުއްވެރިއެއް ހަރުކަށި އަދަބު ދޭންޖެހޭ: ޑރ. އިޔާޒް
ދެންމެ | 21 ޖުލައި 2023

މި ފަހަރު އެމްޑީޕީއާ އެކީ އަލަށް ކޯލިޝަން ހެދި ޕާޓީ، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދުގެ ސަން ގްރޫޕުން މަޝްހޫރު ހޮޓެލް ޗެއިން، ހިލްޓަނާ އެކީ ހެދި ވިޔަފާރީގެ މުއާމަލާތެއްގެ މައްސަލައެއްގައި ސިންގަޕޫރުން އޭނަގެ ޕާސްޕޯޓް ހިފަހައްޓައި، ފުރުން މަނާކުރުމާ ގުޅިގެން ކުށްވެރިންނަށް އަދަބު ލިބެން ޖެހޭނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އަށް ނިސްބަތްވާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

ސިޔާމަށް އިޝާރާތް ކުރައްވައި އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ބައިވެރިޔަކަށް ވިޔަސް އަދި ކިތަންމެ ގަދަރުވެރި ބޭފުޅަކަށް ވިޔަސް ގާނޫނާއި ގަވާއިދުތަކުގެ ކުރިމަތީގައި އެންމެން ހަމަހަމަވާން ޖެހޭނެ ކަމަށެވެ.

”ކުށްވެރިންނަށް ހައްގު އަދަބު ލިބިދޭން ޖެހޭނެ.“ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޓެގް ކުރައްވައި އިޔާޒު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ސިޔާމުގެ ޕާސްޕޯޓް ސިންގަޕޫރުން ހިފަހައްޓައި، އޭނަ ފުރުން މަނާކުރީ މިދިޔަ ހޯމަ ދުވަހު އެ ގައުމަށް ވަޑައިގަތުމުންނެވެ.

ހިލްޓަން މައްސަލާގައި ސިންގަޕޫރުގެ ހައި ކޯޓުން އޮތީ އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ސަން ގްރޫޕުން ދެއްކުމަށް އަމުރެއް ނެރެފަ އެވެ. ސަން އިން ހިލްޓަނަށް 24 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހުނީ ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލާ ހަވާލުކުރި އެއްބަސްވުން 2013 ގައި ބާތިލުކުރި މައްސަލައިގަ އެވެ.

މި މައްސަލައިގައި ސަން އިން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ހުކުމްކުރީ އޮގަސްޓް 17، 2015 ގަ އެވެ. އަދި އެ އަމުރު ތަންފީޒުކުރަން ހިލްޓަނުން ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ އޮގަސްޓް 2020 ގައި ސަން ޓްރެވަލްގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ.

އެކަމަކު މިހާތަނަށް ފައިސާ އޮތީ ނުދައްކަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!