ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާއެއްގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ.އައިޝަތު ރަފިއްޔާ އެއްވެސް ލަދުވެތި ކަމެއްނެތި އައުގުރާނަ ގޮވައިފިއެވެ.
ރަފިއްޔާ ޖަލްސާގައި ވާހަކަދައްކަވަމުން ހުތުރު ބަހެއް ބޭނުން ކުރެއްވި ނަމަވެސް ރައީސް ސޯލިހު އާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ތިއްބެވީ އެކަމާ ސާބަސް ދީ އަތްތިލަބަޑި ޖަހާށެވެ. މިމައްސަލަ ހޫނުވެ ސަރުކާރަށާއި އެމްޑީޕީއަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ފާޑުކިޔަމުންނެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި ރޭ ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރަފިއްޔާ ލަދުވެތި ކަމެއް ނެތި ބޭއަދަބީ ބަސްތައް ބޭނުން ކުރުމުން ފާޑުކިޔުން އަމާޒުވި ނަމަވެސް އޭނާ އެކަމާއި ގުޅިގެން މާފަށް އެދިފައެއް ނުވެއެވެ.
ރަފިއްޔާ ވަނީ ކުރީގެ ރައީސް ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެޅި ހައުސިން ޔުނިޓުތައް ހުރީ ހަތަރު ފަރާތުން ރާޅު ވަންނަ ގޮތަށް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސްކަން ކުރެއްވި ބޭފުޅަކު މާލޭގައި ފެންފޯއް ރުއް އިންދި ކަމަށާއި ނަމަވެސް ފެން ފޯ ރުއް އިންދުމުން ދެން ޖެހޭނީ އެވެނި ގޮތެކޭ ވިދާޅުވެ ވަރަށް ހުތުރު ބަހުން ވާހަކަ ދެއްކެވިއެވެ.
ރައީސް ސޯލިހު އާއި މިނިސްޓަރުންގެ އިތުރުން އެމަނިކުފާނުގެ ކެމްޕެއިން ޓީމް އަދި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވި ޖަލްސާއެގައި ޕޯޑިޔަމަށް އަރާހުރެ ރަފިއްޔާ ފާޅުގައި އައުގުރާނަ ގޮވަމުންދިޔައިރުވެސް ރައީސް ސޯލިހު އިންނެވީ ހިނިފުޅުވަޑުވައިގެންނެވެ.
ދިވެހިރާއްޖެ ކަހަލަ މުސްލިމް ޤައުމެއްގައި އަދަބެއް އަޚުލާގެއް ނެތި ފާޅުގައި އައުގުރާނަ ގޮވަމުންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބައެއް ދީނީ އިލްމުވެރިން ވެސް ދަނީ ބުނަމުންނެވެ. އަދާލަތުގެ އެކްޓިވިސްޓް ދީނީ އިލްމުވެރިޔާ ޒައިދުވެސް ވަނީ އެކަން ކުއްވެރިކޮށްފައެވެ. އަދި އެފަދަ ފަރާތްތައް ޕޯޑިޔަމްތަކަށް ނޭރުވުމަށް ގޮވާލާފައެވެ.