ރައީސް އިބުރޭ މަސް ނެރެގެން ހަމަ އަގު ހޯދަން ނިކުމެއްޖެ
ދެންމެ | 09 އޯގަސްޓް 2023
މިހާރު ކުރިއަށްދަނީ މަހަށް ހަމަ އަގު ހޯދައިދިނުމުގެ ފަހު މަރުހަލާ ކަމަށާއި ވަރަށް އަވަހަށް މަސްވެރިން ބޭނުންވާ ބޮޑު އަގު ލިބިގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ ކަމުގެ ކަންބޮޑުވުމަކީ މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ. 2018 ގައި ރައީސް އިބްރާހީމް ވެރިކަމަށް އައި އިރުވެސް މަސްވެރިންނަށް ”ހަމަ އަގު“ ހޯދައިދޭނެ ކަމަށް ވައުދުވި އެވެ.
އެކަމަކު ހަމަ އަގުގެ އިތުރުން މަސްވެރިންނަށް މި ސަރުކާރުންވީ ގިނަ ވައުދުތައް އޮތީ ނުފުއްދަ އެވެ.
އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ގއ. ދެއްވަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ސަރުކާރުތަކުން މަސްވެރިންނަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މިއަދުވެސް މަސް ވިއްކަނީ ނުއަގުގައި ކަމަށާއި އެކަން ހައްލުކުރެވޭނީ ގިނަ ބަދަލުތަކެއް ގެނެސްގެން ކަމަށް ވިދާޅުވި އެވެ.
އެގޮތުން މިހާރު އޮތީ އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުން ހެދުމުގެ ފަހު މަރުހަލާގައި ކަމަށާއި، އޭރުން މަހުން ނަގާ ޓެކްސް ކަނޑާލެވި ބޮޑު އަގު ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޔޫރަޕިއަން ޔޫނިއަނާ އެކުވެސް މަޝްވަރާތައް ކުރަމުންދާ ކަމަށާއި އެކަން ވެސް އޮތީ ނިމުމުގެ މަރުހަލާގައި ކަމަށް ވިދާޅުވި އެވެ.
”އިނގިރޭސިވިލާތާއި އީޔޫއާއެކީ މި ކުރެވޭ މަޝްވަރާތަކާއެކު ވަރަށް އަވަހަށް މަހަށް ބޮޑު އަގު ލިބިގެންދާނެ،“ އެއްބަސްވުމުގައި ސޮއިކުރެވޭނެ ވަކި ތާރީހެއް ހާމަނުކޮށް ރައީސް ވިދާޅުވި އެވެ.
ރައީސް ގެންދަވަނީ ކެމްޕެއިން ދަތުރުތަކުގައި އެކި ރަށްރަށަށް ވަޑައިގެން ކޮންމެ ރަށަކަށްވެސް ދެވަނަ ދައުރުގައި ގިނަ ކަންތައްތަކެއް ކޮށްދޭން ވައުދުވަމުންނެވެ. އެކަމަކު ގިނަ ރަށްރަށުން ފާހަގަކުރާ ގޮތުގައި ފުރަތަމަ ދައުރުގައި އެ ރަށްރަށަށް ކޮށްދޭން ވައުދުވީ ގިނަ ކަންކަން އަދިވެސް ހުރީ ނުނިމި އެވެ.

ދެވަނަ ދައުރަށް ދެއްވަދޫއަށްވީ ވައުދުތައް

  • * އައިސްޕްލާންޓެއް ގާއިމުކުރުމާއެކު ކުރު މުއްދަތަށް މަސް ރައްކާކުރެވޭ ސެންޓަރެއް ހަދައިދިނުން
  • * ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ގާއިމުކުރުން
  • * ކައުންސިލް އާ އިމާރާތް އެޅުން
  • * ދެއްވަދޫގައި ހައުސިން ޔުނިޓު އެޅުން
  • * ބިން ހިއްކުމާއެކު މޫދަށް އެރޭ ސަރަހައްދެއް ހެދުން
”މިދެންނެވީ ކުރިއަށް އޮތް ދައުރުގައި އަޅުގަނޑުމެން މިރަށަށް ކޮށްދޭން ވައުދުވާ ކަންކަން،“ ރައީސް ވިދާޅުވި އެވެ.
ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!