ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭނެ ކަމަށް ބުނެ ޑރ.ވަހީދު އަތުން 1 މިލިޔަން ޑޮލަރު އަތުލިކަން ހާމަ ވެއްޖެ އެވެ.
އިތުބާރު މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ވަހީދު މިފައިސާ ހަވާލުކޮށްފައި ވަނީ ރައީސް ޔާމީންގެ އަނބިކަބަލުންނާ އެވެ.
މައުލޫމާތު އިގޭ ފަރާތެއް ނަން ހާމަ ނުކުރުމަށް ސަރުތުކޮށް ބުނެފައި ވަނީ ޕީޕީއެމް ރިޔާސީ ޓިކެޓް ޑރ. ވަހީދަށް ދޭނެ ކަމަށް ބުނެފައި ވަނީ ސީދާ ރައީސް ޔާމީން ކަމަށެވެ.
އޭނާ ބުނީ ރައީސް ޔާމީންގެ އެންގެވުމަށް ޑރ. ވަހީދު ވަނީ ސައުދީ ވަލީއަހްދު މުހައްމަދު ބިން ސަލްމާނުގެ ތާއީދާއި މަދަދުގެ އިތުރުން ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިންގެ ތާއީދު ވެސް ކަށަވަރު ކުރައްވާފަ އެވެ. އަދި ސިޔާސީ ދާއިރާގެ ނުފޫޒު ގަދަ ބައެއް ބޭފުޅުންގެ ތާއީދު ވެސް ވަހީދު ވަނީ ހޯއްދަވާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓްގެ ކަންތަކުގައި ޕާޓީގެ ލީޑަރސިޕްގައި ހާޖާން އުފައްދައި ޑްރާމާ ކުޅުވާފައި ވަނީ ވެސް ސީދާ ރައީސް ޔާމީންގެ އެންގެވުމަށެވެ.
“ އެންމެ ފަހު ވަގުތު ވެސް ރައީސް ޔާމީން ވަހީދަށް އަންގަވަމުން ގެންދެވީ ވަހީދަށް ޕީޕީއެމް ޓިކެޓް ދޭނެ ކަމަށް. ޕްލޭން ބީ އެއްގެ ވާހަކަ ތިލަ ކޮށްފައި ވަނީ ވެސް އެކަމުގެ ތެރެއިން. އަދި ރަނިންގ މޭޓަކަށް ޖަމީލް ނެގުމަށް ވެސް އިރުސާދު ދެއްވި.“
އޭނާ ބުނީ ސްޕްރީމް ކޯޓުން ހުކުމް ކުރި ދުވަހު ވެސް ރިޔާސީ ކެޑިޑޭޓަކީ ވަހީދު ކަމަށް ބުނެ ނޯޓެއް ދޭނެ ކަމަށް ބުނި ކަމަށާއި އެހެންނަމަވެސް އެދުވަހު ނޯޓް ފޮނުވި އިރު އޭގައި ލިޔެފައި ވަނީ އިންތިހާބު ބޮއިކޮޓް ކުރުމަށް ކަމަށެވެ. އަދި އެހެން އެކަން ވުމުން ޖެހިގެން އަންނަ ދުވަހު އިރު އޮއްސުމުގެ ކުރިން ވަޙީދަށް ޓިކެޓް ދެވޭނެ ގޮތަށް ސެނެޓުން ނިންމައި ޓިކެޓް ހަވާލު ކުރާނެ ކަމަށް ވަހީދަށް ރައީސް ޔާމީން އެންގެވި ކަމަށް އޭނާ ކިޔައިދި ނެވެ.
“ ސްޕްރީމް ކޯޓް އަޑުއެހުމަށް ވަޑައިގެން އިންޓަރވިއު ދެއްވައި ވަހީދު ގާނޫނީ ފޯމް ފުރީ ވެސް ސީދާ އަންގަވައިގެން. އަދި ބޮއިކަޓް ނުކުރުމަށް ސެނެޓް ބޭއްވި ދުވަހު ޕީޕީއެމް އޮފީހަށް ވަޑައިގެންނެވީ ވެސް ސީދާ ޓިކެޓް ލިބޭނެ ކަން ޔަގީން ކުރައްވައިގެން.“ އޭނާ ކިޔައިދިނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. މުއިއްޒުގެ ފޯމް ހުށަހެޅުއްވުމާއި ހަމައަށް ވެސް ވަހީދަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދެއްވާނެ ކަމަށް ޔާމީން ވިދާޅުވަމުން ގެންދެވި އެވެ.