ރާއްޖޭގައި ކެސީނޯ ހަދަން 100 އިން 100 ތާއީދު ކުރައްވާ ކަމަށް މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
ރިސޯޓްތައް ހިންގަވާ އަދި ރިސޯޓްތައް މިހާރު ވެސް ހެދުމުގެ މަސައްކަތް ކުރާ ބައެއް ރަށްރަށުގެ ހިއްސާ އޮންނަ އާދަމް މަނިކު ”ވަގުތު ޓީވީ“ އިން ގެނެސްދޭ ”ހޫނު ގޮނޑި“ ޕްރޮގްރާމްގައި ވިދާޅުވީ ރާއްޖޭގައި ކެސީނޯ ހެދުމަކީ އޭނާ ތާއިދު ކުރާ ކަމެއް ކަމަށެވެ.
އާދަމް މަނިކު އަކީ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. ނަމަވެސް އޭނާ މިހާރު ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވަމުންނެވެ. ރައީސް ސޯލިހްގެ އަރިހުގައި ކެމްޕޭނަށް އާދަމް މަނިކު ގެންދަވަނީ ދަތުރު ވެސް ކުރައްވަމުންނެވެ.
އާދަމް މަނިކުގެ ރިސޯޓްތަކުގައި ދިވެހިންނަށް ހާއްސަކޮށްގެން ބަނގުރާ ބޮވޭ ގޮތައް ހުންނަ ކަމަށް ވާހަކަ ދެކެވޭތީ އެކަމާއި ގުޅިގެން ސުވާލު ކުރުމުން އާދަމް މަނިކު ވިދާޅުވީ އޭނާ ހިންގާ ރިސޯޓެއް ނޯންނާނެ ކަމަށެވެ. ”އަޅުގަނޑު ހިންގާ ރިސޯޓެއް ނެތް. އޯނަރާއި، މެނޭޖްމަންޓާއި މިއީ މުޅިން ދެއެއްޗެއް. އަޅުގަނޑު ދަންނަ ދިވެހިރާއްޖޭގައި ދިވެހިންނެއް ރަލެއް ނުބޯނެ. ޓްއަރިޒަމް ހެދިގެން މިހިސާބަށް އައިއިރު ވެސް ދިވެހިންގެ ސަގާފަތައް، ދިވެހިންގެ އާއްމު ދިރިއުޅުމަށް އެއްވެސް ބަދަލެއް އައިސްފިތޯ؟ ތިތަންތާންގައި އޫރުމަސް ވެސް ގެންގުޅޭ. ރާވެސް ބޮއޭ. އަދި ބައެއް ބޭފުޅުން އެބަވިދާޅުވޭ ކެސީނޯ ހަދަން ވެސް، އަޅުގަނޑު ހަމަ 100 އިން 100 ތާއީދު.“ އާދަމް މަނިކު ވިދާޅުވިއެވެ.
ރާއްޖޭގައި ކެސީނޯ ހެދުމަށް ތާއިދުކޮށް އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުން ގެންދަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ. ޖާބިރު ގެންދަވަނީ އެވާހަކަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވެސް ދައްކަވަމުންނެވެ.