އިންޑިޔާ ސިފައިން ތިބި ނަމަވެސް މިއީ މިނިވަން 5 އަހަރު: ރައީސް އިބްރޭ
ދެންމެ | 27 ޖުލައި 2023

ވޭތުވެދިޔަ ފަސް އަހަރަކީ ހުރިހާ ގޮތަކުން ވެސް އެންމެ ފުރިހަމައަށް ރާއްޖޭގައި މިނިވަންކަން ގާއިމްކުރެވުނު ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު ކަމަށެވެ.

”ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު. ހާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު. ދާހިލީ މިނިވަންކަން އެންމެ ފުޅާ ގޮތެއްގައި ލިބިދެވުނު ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު،“ ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިނިވަންކަމުގެ ހަގީގީ އުފަލަކީ، އެމީހެއްގެ ޒާތަށް ލިބެން ޖެހޭ މިނިވަންކަން ހާސިލުވުމުގެ އުފަލެވެ. މިނިވަންކަން މަތީގައި ގައުމު ދެމިއޮތަސް، ގައުމީ ދިދައިގެ ހިޔަލުގައި އުޅޭ ރައްޔިތުންގެ ޒާތަށް ލިބެން ޖެހޭ މިނިވަންކަމަކީ މުޅިން ތަފާތު ކަމެއް ކަމަށް ވިދާޅުވި އެވެ.

އެއީ އެ ފަރުދެއްގެ ދިރިހުރުމާއި ދިރިއުޅުމުގެ ހައްގާ ގުޅިފައިވާ އަސާސީ އަދި ޒަރޫރީ ބޭނުންތައް ފިލުވޭނެ ގޮތް، ހަމަ ކޮންމެ ރައްޔިތަކަށް ދައުލަތުގެ ފަރާތުން ހަމަޖައްސައިދީފައި އޮންނަ އޮތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

”ކުރިމަގުގައި ވެސް އަޅުގަނޑުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުން. ދިވެހިންގެ މި ފަސްގަނޑުގެ ސިޔާދަތީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބު.“

މިނިވަންކަން އެންމެ ފުރިހަމައަށް ލިބުނީ މިދިޔަ ފަސް އަހަރު ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އަވައްޓެރި އިންޑިއާއާއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތަކެއްގެ ސަބަބުން ރާއްޖެ އޮތީ އިންޑިއާގެ ނުފޫޒުގެ ދަށުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އެކަން ސަރުކާރުން ދޮގުކުރި ނަމަވެސް އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަކުރަން ދެކޮޅު ހަދަ އެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ވެސް ހާމަކުރަން ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!