އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިނަމަ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޕާސްޕޯޓު ހިފަހައްޓައި އެމަނިކުފާނު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި ކަމަށް ޕީއެންސީގެ ރައީސް އަމާ އަދުރޭ ބުނެފި އެވެ.
ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕޭން ފަށައި އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން މިއަދު މުއިއްޒުގެ އުފަން ރަށް ހއ. ވަށަފަރުގައި ބޭއްވި ޖަލްސާގައި ޓިނު އަބްދުއްރަހީމް ވަނީ ރައީސް ސޯލިހު ހިފައި ހައްޔަރުކުރުމަށް ގޮވާލައިފަ އެވެ.
”ޑރ. މުއިއްޒުއަށް އަޅުގަނޑު ދަންނަވާލަން ބޭނުން އިންތިހާބުވެވަޑައިގަތުމާ އެކު ރައީސް ސޯލިހުގެ ޕާސްޕޯޓު ހިފަހައްޓަން ވާނޭ. އޭނާ މި ގައުމުން ބޭރުުވިޔަ ދީގެން ނުވާނެ. ރައީސް ޔާމީނަށް 1002 ވަނަ ދުވަހޭ ތި ވިދާޅުވަނީ. އަޅުގަނޑުމެންގެ ދައުރު ނިމެންދެން އިބްރާހިމް މުހައްމަދު ސޯލިހު އޮންނަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ޖަލުގައި. އޭނަގެ އެންމެ ފަހުގެ މަންޒިލަކަށް ވެސް ވާން ޖެހޭނީ ޖަލު,“ ވަރަށް ޖޯޝުގައި އަމާ އަބްދުއްރަހީމް ބުންޏެވެ.
ޓިނު އަދުރޭ ވަނީ ރައީސް އިބްރާހިމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ. ރައީސް އިބްރާހިމް ގާނޫނާ ޚިލާފަށް ކުރައްވަމުން މިހާރު މިގެންދަވާ ކަންކަމަށް ހައްގު އަދަބު ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ދޭނެ ކަމަށް އަމާ އަދުރޭ ބުންޏެވެ.
”ތި ހުރިހާ ބޭފުޅުން ކަޅުއޮއްފުންމިއެއްގައި ނުކުމެވަޑައިގަންނަވަންވީ އިބްރާހިމް މުހައްމަދު ސޯލިހު ހިފައި ހައްޔަރު ކުރަން. ވެރިކަން ނިމިގެން ފުރައިގެން ދިޔަ ދީގެން ނުވާނެ. އޭނާ މި ގައުމަށް ގައްދާރުވެފައި ހުރީމަ ހައްގު އަދަބު ދޭންޖެހޭ. ހިޔާނާތްތެރިޔަކަށް ދޭން ޖެހޭ އަަދަބު ދޭން ޖެހޭ. އަނިޔާވެރިއަކަށް ދޭން ޖެހޭ އަދަބު ދޭން ޖެހޭ,“ އޭނާ ބުންޏެވެ.
ޓިނު އަދުރޭ ބުނީ ރައީސް އިބްރާހިމް އަކީ އަނިޔާވެރިއެއް ކަމަށާއި އެމަނިކުފާނަށް ރާއްޖެއިން ފިލައިގެން ނުދެވޭނެ ކަމަށެވެ.
”އިބްރާހިމް މުހައްމަދު ސޯލިހަށް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެން މި ނުކުންނަނީ އަނިޔާވެރިޔާ ހިފާ ހައްޔަރުކުރާށޭ. ފިލައިގެން ރައްކަލެއް ނުވެވޭނެ. އަޅުގަނޑުމެންގެ ވެރިކަމަށް އަންނަ ގޮތަށް ޕާސްޕޯޓު ހިފަހައްޓާނަން. ސުވާލެއް ނޯންނާނެ,“ އަދުރޭ ވިދާޅުވި އެވެ.
ރައީސް ޔާމީން ޖަލަށް ލައިގެން އެމަނިކުފާނަށް ކުރަމުންގެންދާ އަނިޔާގެ އެންމެ ބޮޑު މޭސްތިރިއަކީ ރައީސް އިބްރާހިމް ކަމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ފެށުނީއްސުރެވެސް ބުނަމުންނެވެ.