މާލޭ ސަރަހައްދުގެ ބޯހިޔާވެހި ކަމުގެ ސުންގަޑި ހަމަވާއިރު ހުށައެޅި ފޯމް 20 ހާހަށް އަރައިފި
ދެންމެ | 14 އޮކްޓޯބަރ 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާން ހުޅުވާލި ފުރުސަތު މާދަމާރޭ ހަމަވާނެއެވެ.

ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާން ފުރުޞަތު ހުޅުވާލީ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ފޯމް ހުށަހެޅުމުގެ ސުންގަނޑިއަކީ މާދަމާރޭ 23:59 އެވެ.

ގޯއްޗާއި ފްލެޓަށް އެދި ފޯމް ހުށަހެޅުމަށް އެންމެ ފުަރަތަމަ ކަނޑައެޅި ސުންގަޑިއަކީ މިދިޔަމަހުގެ 26 ވަނަ ދުވަހެވެ. ނަމަވެސް ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް ގެނައި އިސްލާހަކާއި ގުޅިގެން މިދިޔަމަހުގެ 26 ވަނަ ދުވަހު ވަނީ އެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފައެވެ.

މި 2 ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް ޝަރުތު ހަމަވާ ފަރާތްތަކުން އެކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ”ގެދޮރުވެރިން ޕޯޓަލް“ (https://gedhoruverin.gov.mv) މެދުވެރިކޮށެވެ.

މި 2 ސްކީމަށް 20 ހާހާއި ގާތްކުރާ އަދަދަކަށް ފޯމް ހުށަހަޅާފައިވާއިރު ހައުސިންގ މިނިސްޓްރީން ބުނީ ޕޯޓަލް އިން ފޯމު ފުރާފައިވާ ފަރާތްތަކުގެ ތެރެއިން ޖޮއިންޓް އެޕްލިކޭޝަން ނުވަތަ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާފައިވާ އެޕްލިކޭޝަންގައި، ކޯ-އެޕްލިކަންޓުންގެ ގޮތުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް އިޤުރާރު އެޕްރޫވް ނުކޮށް އޮތުމުގެ ސަބަބުން ފޯމު ސަބްމިޓް ނުވެ ހުންނަކަން ފާހަގަކުރެވިފައިވާކަމަށެވެ.

މިނިސްްޓްރީން ބުނީ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަން ސަބްމިޓް ވާނީ، އެ އެޕްލިކޭޝަނުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން އެފަރާތުގެ އީފާސް މެދުވެރިކޮށް ގެދޮރުވެރިން ޕޯޓަލްއަށް ވަދެ އެފޯމުގެ ބައިވެރިއެއްގެ ގޮތުގައި ހިމެނުމާމެދު އެފަރާތުގެ ކޮންސެންޓް ދިނުމުންކަމަށެވެ.

އެހެންކަމުން ގެދޮރުވެރިން ޕޯޓަލަށް ވަދެ ”ބައިވެރިވާ ފަރާތްތަކުގެ އިޤުރާރު“ ގައިވާ ”އާއެކޭ“ ނުވަތަ ”ނޫނެކޭ“ ގެ ތެރެއިން ބޭނުންފުޅުވާ ގޮތެއް ޚިޔާރުކުރެއްވުމަށް މިނިސްްޓްރީން އިލްތިމާސްކުރެއެވެ. އަދި ފޯމް ހުށަހެޅުމުގެ ވަގުތު ޖެހުމުގެ ކުރިން ފޯމު ހުށަހަޅުއްވާފައިވާ ހުރިހާ ފަރާތްތަކުންވެސް ހުށަހަޅުއްވާފައިވާ ފޯމުގެ ސްޓޭޓަސްގައި އިނީ ”ސަބްމިޓެޑް“ ތޯ ޔަގީން ކުރެއްވުމަށްވެސް ހައުސިންގ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

”ގެދޮރުވެރިން“ މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރަން ހަމަޖެހިފައިވަނީ ސަރުކާރުގެ ”ބިންވެރިޔާ ސްކީމް“ އާއި ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ.

މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!