މުއިއްޒަކީ ސަލަފްގެ ނުރައްކާތެރި އެޖެންޓެއް ސަމާލު ވާން ޖެހޭ: ޑިފެންސް މިނިސްޓަރ މާރިޔާ
ދެންމެ | 15 އޯގަސްޓް 2023

ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާ މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒަކީ ޕީއެންސީ/ސަލަފްގެ ކެންޑިޑޭޓު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމުން ބައިވެރިވެފައި ނުވާކަމަށާއި ޑރ. މުޢިއްޒަކީ ޕީޕީއެމްގެ ބޭފުޅެއް ނޫންކަމަށެވެ. އެހެންކަމުން ޑރ. މުޢިއްޒަށް ޕީޕީއެމް މެންބަރުން ވޯޓު ދޭންޖެހޭ ސަބަބެއް ނެތްކަމަށް މާރިޔާ ވިދާޅުވިއެވެ.

”މިހުރިހާ ދުވަހު ޕީއެންސީ-ސަލަފްގެ ކެންޑިޑޭޓު ހުންނެވީ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރަކަށް. ޕީޕީއެމް މި އިންތިހާބަކު ބައިވެރި ނުވޭ. އެ ރުކެއް ނެތޭ ކަރުދާސްކޮޅަކު.“ މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއެއް ނެތް ކަމަށާއި، މަލްޓި ޕާޓީ ޑިމޮކްރަސީއަކީ މީހުންގެ މޫނަށް ބަލައިގެން ވޯޓުދޭ ނިޒާމެއް ނޫން ކަމަށެވެ. ހަމައެއާއެކު އިންތިޚާބުތަކަށް ރައްޔިތުންގެ ކުރިމައްޗަށް ނިކުންނަންވާނީ ކަންކަން ކުރާނެ ގޮތް ކަރުދާހުގައި ލިޔެގެން ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

”މެނިފެސްޓޯއެއް، ކަންކަން ކުރައްވާނެ ގޮތް ހިސާބު ޖައްސަވާފަކާއެއް ނެތް. މިއީ ވަރަށް ދެރަ ކަމެއް“ މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އިދިކޮޅު ކެމްޕޭނުގައި އެއްވެސް ރޭވުންތެރިކަމެއްވެސް އަދި އިންތިޒާމެއްވެސް ނެތް ކަމަށެވެ. އަދި އެފަރާތްތަކުން ވިއްކަންއޮތް ހަމައެކަނި އެއްޗަކީ ފިތުނަ ކަމަށް މާރިޔާ ވިދާޅުވިއެވެ. ކެމްޕޭން ކުރުމުގެ ފުރުސަތު ހުރިހާ ބޭފުޅުންނަށް ވެސް އޮންނާނެ ކަމަށާއި، އެއްވެސް ކެނޑިޑޭޓެއްގެ ހައްގަކަށް އަރައިގަނެގެން ނުވާނެކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

”ހޯޑެއްދޫގައި އަޅުގަނޑުމެންގެ ހަރުގެއަށް ގެއްލުންދީ ކަޅުތެޔޮ އުކާ ކަންކަން ކުރި. އެހެން ހަރުގެއެއް އަންދާލައިފި.“ މާރިޔާ ވިދާޅުވި އެވެ.

މާރިޔާ މިއަދު ވަނީ އެމްޑީޕީގެ ޖަގަހަތަކުގައި ރޯކޮށް، ޖަގަހަތަކަށް ގެއްލުންދޭ މައްސަލަތައް ރިޕޯޓްކުރާނެ ކަމަށާއި، އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަަމަށްވެސް ވިދާޅުވެފައެވެ.

އެމްޑީޕީ އަކީ އިދިކޮޅު ޕާޓީތައް ފަދައިން ތަންތަން ހަލާކު ކުރާ، އަދި ކެމްޕެއިނަށް ހުރަސް ވެސް އަޅާ ބައެއް ނޫން ކަމަށާއި، އިދިކޮޅު ކެންޑިޑޭޓުން ރަށްރަށަށް އަރާއިރު، ޕީޕީއެމުން ހިންގާ ފަދަ ހަމަނުޖެހުންތަކެއް އެމްޑީޕީގެ ފަރާތުން ނުހިންގާނެ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!