ވައުދުތައް ނުފުދުމުން އިންތިހާބަށް ދައުލަތުގެ ބިން ސަރުކާރުން ބަހާލަނީ
ދެންމެ | 16 އޯގަސްޓް 2023

އިންތިޚާބާ ދިމާކޮށް އައްޑޫ އިން ވެސް ގޯތި ދޭން ނިންމާފައިވާ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫއިން ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ގޯތި ދޫކުރަން ނިންމީ، މިއަދު އައްޑޫ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގަ އެވެ.

އައްޑޫއިން ޖުމްލަ 1،000 ގޯތި ދޫކުރަން ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެއީ:

– ހިތަދޫއިން 1،500 އަކަފޫޓުގެ 500 ގޯތި

– ފޭދޫއިން 1،500 އަކަފޫޓުގެ 300 ގޯތި

– ހުޅުދޫއިން 2،000 އަކަފޫޓުގެ 100 ގޯތި

– މީދޫއިން 2،000 އަކަފޫޓުގެ 100 ގޯތި

އެ ބައްދަލުވުމުގައި އައްޑޫ ކައުންސިލަރު ހުސައިން ޒަރީރު ހުށަހެޅުއްވީ:

– އައްޑޫއިން ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބުނު 1،000 މީހުންނަށް، މިހާރު ދޫކުރަން އިއުލާންކޮށްފައިވާ 1،000 ގޯތި ދިނުމަށް

– ޝަރުތު ހަމަވާ ލިސްޓުގެ ބާކީ ތިބި މީހުންނަށް ވެސް ގޯތި ދިނުމަށް ފާސްކުރަން

– ޒަރީރުގެ އެ ހުށަހެޅުން ފާސްވީ ކައުންސިލްގެ މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ބައްދަލުވުމުގައި މޭޔަރު ނިޒާރު ވިދާޅުވި ގޮތުގައި، ގޯއްޗަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ޖުމްލަ 4،160 މީހުން ގޯއްޗަށް އެދި ފޯމު ހުށަހެޅި ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަ ވެފައިވަނީ 3972 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބާކީ 188 މީހުން މިވަގުތަށް ޝަރުތު ހަމަ ނުވިޔަސް، ޝަކުވާ ހުށަހެޅުމަށް ދޭ ފުރުސަތަށް ފަހު ޝަރުތު ހަމަވާ މީހުންގެ އަދަދު 4،000 އަށް ވުރެ ގިނަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

”އެހެންވީމަ އައްޑޫ ސިޓީން އަޅުގަނޑުމެން އައްޑޫ ރައްޔިތުންނަށް 4،000 ގޯތި ދޭނަން. ކައިވެނި ނުކުރާ ޒުވާނުންނަށް ވެސް ބިން ދޭނެ“ ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އައްޑޫއިން ބިން ދޫކުރުމުގައި އަލަތު ކައިވެންޏެއް ނުކޮށް ތިބި ޒުވާނުންނަށް ވެސް ގޯތި ދޭން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ މިހާރު އިއުލާންކޮށްފައިވާ 1،000 ގޯތި ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ކައުންސިލުން ފަށާނެ ކަމަށާއި މި ބުރުގައި ކުރިމަތިލި މީހުންގެ ލިސްޓު މާދަމާ އިއުލާން ކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!