ބ. ތުޅާދޫގައި އެއާޕޯޓެއް އަޅައިދިނުމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓް ހުސައިން އަމްރު މުހައްމަދު ރަޝާދު ވައުދުވެވަޑައިގެންފި އެވެ.
އަމުރު މިކަމަށް ވައުދުވެވަޑައިގަތީ ކެމްޕޭން ދަތުރެއްގައި އިއްޔެ ތުޅާދޫއަށް ވަޑައިގެން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށްފަހު އެވެ.
ތުޅާދޫ އިން ފުރާވަޑައިގަތުމުގެ ކުރިން އަމުރު މިއަދު ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ތުޅާދޫއަށް އެންމެ ފުރަތަމަ ކޮށްދޭނެ ކަމަކީ އެއާޕޯޓެއް އަޅައިދިނުން ކަމަށެވެ.
އަމްރު ވިދާޅުވީ 3،000 މީހުންގެ އާބާދީއެއް އޮތްއިރު އެ ރަށާ އެންމެ ގާތުގައި އެއާޕޯޓެއް އޮތީ ބ. ދަރަވަންދޫގައި ކަމަށްވެފައި އެ ދަތުރު ދިގުވުމާއި ދަތުރުގެ އަގު ބޮޑުވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
”މިތަނުން ފުރައިގެން މާލެ އަށް ނަމަވެސް ތަނަކަށް ދާންވެއްޖިއްޔާވެސް ދަރަވަންދޫއަށް ދާން އެބަ ނަގާ ގާތްގަޑަކަށް 45 މިނެޓު ސްޕީޑް ބޯޓެއްގައި،“ އަމްރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތުޅާދޫ އިން ފުރައިގެން މިހާރު ދަރަވަންދޫއަށް ދާން ޖެހިއްޖެނަމަ ލޯންޗެއް ނަގަން 3،000 ރުފިޔާ ނަގާ ކަމަށާއި މޫސުން ގޯސްވެއްޖެނަމަ ބައެއް ފަހަރު 5،000 ރުފިޔާ އަށް ވެސް އަގު ބޮޑުވާ ކަމަށެވެ. ކުޑަ ޑިންގީއެއްގައި ދަތުރުކުރި ނަމަވެސް 1،500 ރުފިޔާގެ އަގެއް ނަގާ ކަމަށްވެސް ފާހަގަކުރެއްވި އެވެ. އެހެންކަމުން ތުޅާދޫ ރައްޔިތުންނަށް އެއާޕޯޓެއް ވަރަށް މުހިއްމު ވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
”އިރާދަކުރެއްވިއްޔާ އަަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ތުޅާދޫގައި އެންމެ ފުރަތަމަ ކަމަކީ އެއާޕޯޓު އެޅުމުގެ މަސައްކަތް ފެށުން،“ އަމްރު ވިދާޅުވި އެވެ.
ތުޅާދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެސް ރިޔާސީ ވައުދެކެވެ. ނަމަވެސް މިމަޝްރޫއުގެ އަމަލީ މަސައްކަތް އަދި ފެށިފައެއް ނުވެ އެވެ. އެކަމަކު އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށްޓަކައި ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އަދި ބިން ހިއްކުމަށްޓަކައި އީއައިއޭ ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
ތުޅާދޫ އަކީ އެމްޑީޕީއަށް ވަކިން ހާއްސަކޮށް ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑު ތާއީދެއް އަބަދުވެސް އޮންނަ ރަށެކެވެ. މިއަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް އަގުލަބިއްޔަތު ލިބުނު މަދު ރަށްތަކުގެ ތެރޭގައިވެސް ތުޅާދޫ ހިމެނެ އެވެ.