ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ކުރަން ނިންމައިފި
ދެންމެ | 07 އޯގަސްޓް 2023

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގުމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރުމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން މިގޮތަށް ނިންމާފައި ވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުންނެވި ގޮތުން އެކަމަށް އެދިވަޑައިގެންފައިވާތީ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރުމަށް ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ކަމާއި ބެހޭ އިދާރާތަކުން ވަނީ ފަށާފަ އެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގުމުގެ ކުށުގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި އެ ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފަސްކޮށްދޭން ހައި ކޯޓުގައި އެމަނިކުފާން ވަނީ އެދިވަޑައިގެންފަ އެވެ.

ޔާމީންގެ މައްޗަށް އޮތް ޖަލު ހުކުމްތަކާއި އެ ހުކުމާ އެކު އޮތް ޖޫރިމަނާގެ ސަބަބުން ޔާމީނަށް ވަނީ އަންނަ މަހުގެ ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލިފަ އެވެ. އެއީ ރައީސްކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ ދެ ޝަރުތެއް އުނިވެފައި ވާތީ އެވެ. އެއީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އޮތުމާއި ސާބިތު ދަރަންޏެއް އޮތުމެވެ.

ޔާމީނަށް ކޮށްފައިވާ ހުކުމް ދެމިއޮތީ ވެސް އަދި ޖޫރިމަނާއާ މެދު ގޮތެއް ނުނިމި އޮތީ ވެސް މައްސަލައިގެ އިސްތިއުނާފުގައި އެދުނު ގޮތަށް ހައި ކޯޓުން އަމުރު ނުނެރެ ޝަރީއަތްތައް ހުއްޓާލާފައި އޮތުމުން ކަމަށް ވިދާޅުވެ ޔާމީން ސުޕްރީމް ކޯޓުގައި ވާހަކަ ދެއްކެވި އެވެ.

އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ހައި ކޯޓުގެ މީޑިއާ އޮފިސަރު އަމީން ފައިސަލް ވިދާޅުވީ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ކުރިން އެދިފައި ނެތް ކަމަށެވެ.

ޔާމީންގެ ކެންޑިޑެސީ މައްސަލާގައި އެ މަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ޖޫރިމަނާ އަކީ ސާބިތު ދަރަންޏެއް ވެސް ނޫން ކަމަށެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ސާބިތު ދަރަންޏަކީ ކޮބައިކަން ސުޕްރީމް ކޯޓުގެ ކުރީގެ ގަޒިއްޔާއެއްގައި މާނަކޮށްދީފައިވާ ކަމަށާއި ކޯޓު އަމުރެއްގެ ދަށުން ދައްކަންޖެހޭ ކޮންމެ ފައިސާ އަކީ ސާބިތު ދަރަންޏެއް ކަމަށެވެ.

ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް އިން ބަލައިނުގަތުމުން އެ މަނިކުފާނުގެ ޕީޕީއެމް އާއި ޕީއެންސީން ވެސް ކެންޑިޑޭޓަކު ނުނެރެ އިންތިހާބު ބޮއިކޮޓް ކުރުމަށް އެންގެވި އެވެ. އެކަމުގައި ދެ ޕާޓީގެ ތެރޭގައި ހިޔާލް ތަފާތުވުން ވަރަށް ބޮޑުވެ އެންމެ ފަހުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ޕީއެންސީގެ ފަރާތުން އިންތިހާބަށް ކުރިމަތިލައްވައިފަ އެވެ. އަދި ފަހު ވަގުތު ޔާމީންގެ ވިސްނުން ބަދަލުކުރައްވައި މުއިއްޒަށް ތާއީދު ކުރައްވާފައިވާ ކަމަށް ޔާމީންގެ ވަކީލް އަދި އެ މަނިކުފާނުގެ ރަނިން މޭޓް ކަމަށް މިފަހަރު އިއުލާނުކުރި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!