އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށްޓަކައި، މި ފާއިތުވެދިޔަ 20 އަހަރު މަސައްކަތް ނުކުރާ ވަރަށް ކުރިއަށް އޮތް 20 ދުވަހު މަސައްކަތް ކުރުމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެދިވަޑައިގެންފިއެވެ.
ފައްޔާޟް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ގަލޮޅު އުތުރު ކެންޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި، މާލޭގެ ކުރީގެ މޭޔަރު ސަރަގު އާދަމް މަނިކުގެ އިތުރުން އެމްޑީޕީގެ ކުރީގެ ރައީސ، ރީކޯ މޫސާ މަނިކު ވެސް ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޟް ވިދާޅުވީ، ގަދައަޅައި މަސައްކަތް ކޮށްފިނަމަ، އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ވާނެ ކަމަށެވެ.
އެހެންކަމުން ރިޔާސީ އިންތިޚާބާއި މިދޭތެރޭގައި ކުރިއަށް އޮތް ވިއްސަކަށް ދުވަހަކީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ރައީސް ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން މަސައްކަތް ފަށަންވީ 20 ދުވަސް ކަމަށާ، މި 20 ދުވަހު، ފާއިތުވި 20 އަހަރު ދުވަހު މަސައްކަތް ނުކުރާ މިންވަރަށް މަސައްކަތް ކުރުމަށް އޭނާ ވަނީ އެދިލައްވާފައެވެ.
އަޅުގަނޑު ތިޔަ އެންމެހާ ބޭފުޅުން އެރިހުން އެދެނީ މިބާކީ އޮތް ވިއްސަކަށް ދުވަހުގެ ތެރޭގައި، ކުރިން ނުކުރާ ވަރުގެ މިވޭތުވެދިޔަ 20 އަހަރު ނުކުރައްވާ ވަރަށް މަސައްކަތް ކުރައްވާ މި 20 ދުވަހު ހިފަހައްޓާލަ ދެއްވާށޭ.
ފައްޔާޟް އިސްމާއިލް
ފައްޔާޒު އިތުރަށް 40 އަހަރު ވޭތުވެގެން ދިޔައިރުވެސް، މި ސަރުކާރު ފިޔަވައި އެހެން ސަރުކާރަކަށް މާލެ ސަރަހައްދުން ގޯތި ދެވިފައި ނުވާ ކަމަށެވެ.
އަދި މި ސަރުކާރުން ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެނަށްވެސް ގޯތި ދޭން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
”އާދެ ގޯތީގެ ވާހަކަ ދެކެވިއްޖެ 40 އަހަރު ވީއިރުގައި ގޯތި ދޭކަށް ނުކުރެނު. އަދި ނުކުރެނީ އެކަންޏެއްނޫން އަޅުގަނޑުމެން މިދިނީ 22،000 މީހުން ގޯއްޗަށް އެދުނީމަ އޭގެ ތެރެއިން 19،000 މީހުންނަށް ގޯތި ދީ ނިންމީ.“ ފައްޔާޟް ވިދާޅުވި އެވެ.