ރައްޔިތުންނަކީ ސިކުނޑި ބެދިފައިވާ ގަބު ބައެއް: ރައީސް އިބުރޭ
ދެންމެ | 22 އޯގަސްޓް 2023

އަސާސީ ހިދުމަތްތައް ފުރިހަމަވުމާއެކު ރައްޔިތުންގެ ސިކުނޑި ހުޅުވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

”އުފާވެރި އަމާން ރާއްޖެ“ ކެމްޕޭނުގައި ބ. ކިހާދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުގައި ކިހާދޫއާ ދޭތެރޭގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން އެރަށުގައި މިހާރު އޮތް ބަނދަރަކީ މިހާތަނަށް ސަރުކާރަކުން އެޅި ފުރަތަމަ ބަނދަރު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކިހާދޫ އަކީ ކުޑަ އާބާދީއަކަށް ވުމުން، އެރަށަށް ކުރީ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ދަނީ އެރަށަށް ބޭނުންވާ ކަންކަން ކޮށްދެމުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ރާއްޖެ ތަރައްގީ ކުރުމަށް، ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ ހިތަށްނާރާ ވަރުގެ ބޮޑު ބަދަލެއް ރައްޔިތުންގެ ވިސްނުމަށް އައުންކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރައްޔިތުންނަށް ލިބޭ އަސާސީ ހިދުމަތްތައް ފުރިހަމަވުމާއެކު ދެން ބޭނުންވާ ކަންކަމަށް ރައްޔިތުންގެ ސިކުނޑި ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”ރައްޔިތުންނަށް ލިބޭ އަސާސީ ހިދުމަތްތައް ފުރިހަމަވުމާއެކު ރައްޔިތުންގެ ވިސްނުން ބަދަލުވެގެންދާނެ. ދެން ބޭނުންވާ ކަންކަމަށް ސިކުޑި ހުޅުވިގެންދާނެ.“ ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ވެރިކަމުގެ ދެވަނަ ދައުރެއްގައި ކިހާދޫގެ ހެލްތު ސެންޓަރު 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލު ކުރައްވާނެ ކަމަށެވެ. ހަމައެއާއެކު ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލާއި، ސައިންސް ލެބް ވެސް އިތުރު ކުރެވިގެންދާނެ ކަމަށާއި، ކިހާދޫގައި ސްވިމިން ޓްރެކެއްވެސް އަޅުއްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!