ވެރިކަމުގެ ނިޒާމުގައި ރައްޔިތުން ބައިވެރިކުރުމަށް ފުރަތަމަ ވަކާލާތު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ކަމަށް ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ހުސެއިން މަނިކް ވިދާޅުވެއްޖެވެ.
”ހާސްކަނޑާލާ ހަމަޖެހޭނެ“ ކެމްޕޭންގައި ޤާސިމްގެ އަރިހުގައި އދ. ދިއްދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނިހާން ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރެޓިކް ބަދަލުތައް ގެންނެވުމަށް ޤާސިމް މަސައްކަތް ނުކުރެއްވިނަމަ އެ ބަދަލުތައް ގެނައުމަށް ފަސޭހަ ނުވާނެ ކަމަށެވެ. އެގޮތުން ވެރިކަމުގެ ނިޒާމުގައި ރައްޔިތުން ބައިވެރިކުރުމަށް އެންމެ ފުރަތަމަ ވަކާލާތު ކުރެއްވީ ޤާސިމް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ، ގައުމާއި ގައުމިއްޔަތަށް ގެއްލުންހުރި ކަންކަމަކީ ޤާސިމް އެއްވެސް ވަރަކަށް ރުހިވަޑައިގަންނަވާނެ ކަންކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުތަކުން އެފަދަ ކަންތައްތައް ކުރަށްވާނަމަ ޤާސިމް ބަސް ވިދާޅުވާނެ ކަމަށާއި ރާއްޖޭގައި ބޭރު ޤައުމުތަކުގެ ސިފައިން ތިބުމާއި، ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުވާލުމުން ޤާސިމް ބަސް ވިދާޅުވީ އެހެންވެގެން ކަމަށް ނިހާން ވިދާޅުވިއެވެ.
”ސިޔާސީނުވެ އިންޑިއާ ސިފައިން ފޮނުވާލަން ބޭނުންނަމަ އޮތް ހަމައެކަނި ޗޮއިސްއަކީ ގައުމީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް“ ނިހާން މިއަދު ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކީ އަމިއްލައަށް ވެރިކަމުގެ ގޮނޑި ދޫކޮށްލައްވަން ބޭނުންފުޅުވި ފަރާތެއް ނޫން ކަމަށެވެ. ކޮންމެ މީހަކުވެސް އެގޮނޑިން ބާލަންޖެހުނީ ގަދަކަމުން ކަމަށާއި އެއީ ޤާސިމް ޤަބޫލުކުރަށްވާގޮތް ނޫންކަމަށްވެސް ނިހާން ވިދާޅުވިއެވެ.
ނިހާން މިމޭރުމުން ވިދާޅުވެފައިވާއިރު ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް މީގެ ކުރިން ވިދާޅުވެފައިވަނީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަކީ ހާސް ނިއުމަތަށްވުރެ އަގުބޮޑު އެއްޗެއްކަމަށާއި، މިއަދު މިޤައުމު މިއޮތީ ”ކުރަފަތެއްގެ މިޔަމަތީގައި“ ކަމަށެވެ.
އެގޮތުން ސަރުކާރުން ވަނީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒުތައް ވަނުމުގެ ޖާގަ ދީފައިކަމަށާ، މިސަރުކާރުގެ ޚާރިޖީ އަދި އިޤްތިސާދީ ސިޔާސަތުގެ ސަބަބުން ޤައުމުގެ މިނިވަންކަމަށް ނުރައްކާވެފައިވާކަމަށްވެސް ޤާސިމް ވިދާޅުވެފައިވެއެވެ.