ކީރިތި ޤުރްއާނާއިމެދު ފުންކޮށް ވިސްނާލައިފި މީހަކަށް ވަރަށް ގިނަ ކަންކަން އެނގޭނެއެވެ. އެއިގެ ތެރެއިން އެއްކަމަކީ ވަރަށް ގިނަ ސޫރަތް ނިމޭ، ނުވަތަ ފަހުކޮޅުގެ އާޔަތްތަކުން މުޅި ސޫރަތުގައިވާ ވާހަކަތަކާއިބެހޭ ޚުލާޞާއެއް އެނގިގެންދާނެއެވެ.
މިޘާލަކަށް ބަޤަރާ ސޫރަތަށް ބަލާށެވެ. ރޯދައާއި ޙައްޖުވުމާއި މޫސާގެފާނަށް މެދުވެރިވެވަޑައިގެންނެވި ކަންތައް ތަކާއި މިހެން ގޮސް އިސްލާމް ދީނުގެ އެތައް ޙުކުމްފުޅުތަކެއް އެސޫރަތުގައި ވަނީ ބަޔާންކުރައްވަވައިފައެވެ. އަދި ކައިވެންޏާއި ވަރިއާއި ޙައިޟުވުމާއި ގުޅޭ ކަންކަން ވެސް ވަނީ ބަޔާން ކުރައްވަވައިފައެވެ.
ދެން ބަލައިލަންވީ އެންމެ ފަހުގެ 2 އާޔަތަށެވެ.
”ރަސޫލާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި ޤުރްއާނަށް) ރަސޫލާއާއި މުއުމިނުން އީމާން ވިއެވެ. އެ އެންމެންމެ ﷲއާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި ރަސޫލުންނަށް އީމާން ވިއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ ރަސޫލުންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ ޙަޟްރަތަށެވެ.”
(އަލްބަޤަރާ: 285)
އެނގިގެން މިދަނީ މުސްލިމުންނަށް އޮތީ އިސްލާމްދީނުގެ ހުރިހާ ޙުކުމްފުޅުތަކެއް ބަލައިގަތުންކަމެވެ. ﷲ ތަޢާލާގފެ އަމުރުފުޅުތަކަށް ކިޔަމަންގަތުންކަމެވެ. ކޮންމެ އިންސާނަޚީވެސް ދުނިޔޭގެ ޙަޔާތަށްފަހު ﷲ ތަޢާލާގެ ޙަޟްރަތަށް އެނބުރިދާންޖެހޭނެ މީހަކުކަމެވެ. ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކޮށް އެކަމަށް މަސައްކަތްކުރުމުން ފާފަތައް ފުއްސަވައިދެއްވަވާނެ ކަމެވެ.
”ﷲ، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ. އެ ނަފްސެއް ހޯދި ހެޔޮކަމެއް (ގެ ޘަވާބު) އެ ނަފްސަކަށް ވެއެވެ. އަދި، އެ ނަފްސެއް ހޯދި ނުބައިކަމެއް (ގެ ޢިޤާބު) އެ ނަފްސެއްގެ މައްޗަށްވެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، ޤަޞްދެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް ޢަފޫ ކުރައްވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް ރަޙްމަތް ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، ކާފިރު ވެގެންވާ ޤައުމުގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ!”
(އަލްބަޤަރާ: 286)
މިއާޔަތުން ވަރަށް ސާފުކޮށް އެނގިގެން މިދަނީ މުސްލިމުންގެ މައްޗަށް ﷲ ތަޢާލާ ފަރުޟު ކުރައްވަވާފައިވާ އެއްވެސް ކަމަކީ އެއްވެސް މުސްލިމަކަށް ނުއުފުލޭނެ ވަރުގެ ބުރައެއް ނޫންކަމެވެ. އެމީހެއްގެ ޙާލަޓާއި ގުޅޭ ގޮތުން ކޮންމެ ކަމެއްގައިވެސް ލުއި ގޮތްތައް ދީނުގައި ބަޔާންވެގެންވާނެ ކަމެވެ. ކުރާ ހެޔޮ ޢަމަލުތަކަށާއި ނުބައި ޢަމަލުތަކަށް އެކަމަކަށް ޙައްޤު ޖަޒާ ދެއްވަވާނެ ކަމެވެ. ދެން އެހުރީ ކުރަންހުރި ދުޢާތަކެވެ. ދުޢާތަކުންވެސް އެނގިގެންދަނީ ފާފަތައް ފުއްސަވައިދެއްވެވުމަށް އެދި ދެންނެވުމުން ފުއްސަވައި ދެއްވަވާނެ ކަމާއި ކިޔަމަންތެރި އަޅުންނަށް ރަޙްމަތް ލައްވަވާނެ ކަމެވެ.
ހަމައެއާއިއެކު ކޮންމެ މީހަކަށްވެސް ކުށް، ފާފަ ކުރެވޭނެކަމާއި ތައުބާވުމަށް އަވަސްވެގަތުމުން ފާފަފުއްސަވައިދެއްވަވާނެކަންވެސް އެއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ. ވީމާ މުސްލިމުންނަކީ ދީނުގައިވާ ކަންކަން ގިނަވެގެން ނުވަތަ ބުރަވެގެން ކަންބޮޑުވާންޖެހޭނެ ބައެއް ނޫނެވެ. އޮތީ އިޚްލާޞްތެރިވުމެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ ރަހްމަތް ލައްވަވާނެތެވެ.
[…] އިތުރަށް ވިދާޅުވޭ […]