ނައިފަރާއި ހިންނަވަރާއި މަޑިވަރު ބުރިޖަކުން ގުޅާލައި ސިޓީއަކަށް ހަދަން ގާސިމް ވައުދު ވެއްޖެ
ދެންމެ | 30 އޯގަސްޓް 2023

އެމަނިކުފާނުގެ ވެރިކަމެއްގައި ޅ. އަތޮޅު ހިންނަވަރާއި ނައިފަރާއި ދެމެދުގައި ހުރި ފަޅުތައް ބްރިޖަކުން ގުޅާލާ، ނައިފަރާއި މަޑިވަރާއި ހިންނަވަރު ބޮޑު ސިޓީއަކަށް ބަދަލުކުރައްވާނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

”الله ގެ އިރާދަފުޅާ މިންވަރުފުޅުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން އަޅުގަނޑަށް ތާއީދުކޮށް ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމް ތަނަވަސްކޮށްދެއްވައިފިނަމަ، ޅ. ހިންނަވަރާއި، އަދި ނައިފަރާއި ދެމެދުގައި ހުރި ފަޅުތައް ބުރިޖަކުން ގުޅާލާ، ނައިފަރާއި، މަޑިވަރާއި، ހިންނަވަރު ބޮޑު ސިޓީ އަކަށް ހަދާނަން.“ ހިންނަވަރަށް ވަޑައިނުގެންނެވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން ހިމެނޭހެން ފާދިއްޕޮޅުގެ ރައްޔިތުންނާއި މުޙާތަބުކުރައްވަން ތައްޔާރުކުރެއްވި ޚާއްސަ ވީޑިއޯއެއްގައި ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިސްބަތްވާ ރަށަށް ވަޑައިގެން އެމަނިކުފާނުގެ ވާހަކަފުޅު ދައްކަވަން އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. މިއަދު ގާސިމް ކެމްޕެއިން ކުރެއްވުމަށް އެންމެ ފުރަތަމަ ވަޑައިގަތް ރަށަކީ ނައިފަރެވެ. އެ ރަށުގައި ވިއްސާރައިގެ އަސަރު ކުރަމުންދިޔަ ނަމަވެސް، ގާސިމަށް އެ ރަށުން ހޫނު މަރުހަބާއެއް ދަންނަވާފައި ވެއެވެ. ގާސިމް ޕޯޑިއަމަށް އަރައި ވާހަކަދެއްކެވި ވަގުތުވެސް ރަށުގެ ރައްޔިތުންގެ ފަރާތުން ފޯރިގަދަ ތަރުހީބެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރަށްވެސް، ނައިފަރުގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން، ގާސިމް ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ، ރައްޔިތުން ހިތަށް ވެސް ނާރާހާ ފެންވަރަށް ފެލިވަރު ތަރައްގީކޮށް އެތަނަށް ބޭނުންތެރި ވަސީލަތްތަކެެއް ލިބޭނެ ގޮތް ފަހިކޮށްދޭނެ ކަމަށެވެ. އަދި އެތަނުން ވަޒީފާ ދިނުމުގައި ހަމަހަމަ އުސޫލު އިސްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމްގެ ކެމްޕެއިން މެނޭޖަރ ޢަލީ ވަހީދު ވަނީ ނައިފަރަށް ޙައްގު ތަރައްގީތައް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ނައިފަރުގެ މަގުތަކުގެ ޙާލަތުވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!