ހަމައެއް ލަމައެއް ނެތި ތިނަދޫ ސިޓީއަކަށް ބަދަލުކުރީ އިންތިހާބަށް ނުފޫޒު ފޯރުވަން: އިންތި
ދެންމެ | 01 ސެޕްޓެމްބަރ 2023

އުސޫލެއް ނެތި ގދ. ތިނަދޫ ސިޓީއަކަށް ހެދީ އިންތިހާބަށް ސީދާގޮތުން ނުފޫޒު ފޯރުވުމަށް ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފިއެވެ.

ދި ޑިމޮކްރެޓްސްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އިމްތިޔާޒް ފަހުމީ(އިންތި) ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ގިނަ ކަންކަން ކުރަމުންދާ ކަމަށެވެ.

އިންތި ވިދާޅުވީ ގދ. ތިނަދޫއަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ރަށަށް ސިޓީއެއްގެ ސަރަޖަ ދެއްވީ ރަނގަޅަށް ނޫން ކަމަށާއި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވިކަން އިއުލާންކުރެއްވީ ސިޔާސީ ޕާޓީއެއްގެ ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

 

”އެއްވެސް އުސޫލެއް ވެސް ނުގެންގުޅުއްވަނީ. އަމިއްލަ ފުޅު ކެމްޕޭންއެއްގައި ވަޑައިގެން އެމްޑީޕީގެ ނަމުގައި މި ކަނޑައަޅުއްވަނީ ތިއީ ސިޓީއެކޭ. މިއީ ވަރަށް ދެކޮޅު ނުޖެހޭ ކަންތައްތައް. އަދި މިއީ އިންތިހާބުތަކަށް ސީދާ ނުފޫޒު ފޯރުވުމަށް ކުރައްވާ ކަންތައްތައް،“. އިންތި ވިދާޅުވިއެވެ.

މީގެ އިތުރުން އިންތި ވިދާޅުވީ ތިނަދޫއަކީ ސިޓީއަކަށް ހެދުމަށް ރައީސް މުހައްމަދު ނަޝީދު އެންމެ ކުރިއްސުރެވެސް ދިޔައީ މަސައްކަތް ކުރައްވަމުން ކަމަށެވެ.

 

”ތިނަދޫ ކައުންސިލްގެ ފަރާތުން 2022 ވަނަ އަހަރު ޖެނުއަރީ މަހުގައި ވެސް ސިޓީއަކަށް ހެދުމަށްޓަކައި އޮތީ ރަސްމީކޮށް ހުށަހަޅުއްވައިފައި. އަޅާނުލައްވާ އެހެން ބޭއްވުމަށް ފަހު ކެމްޕޭންގެ ފަހު ދުވަހު ވޯޓުލާ އޮއްވައި ވަޑައިގެން ސިޔާސީ ޕާޓީއެއްގެ ފަރާތުން މި އިއުލާން ކުރެއްވީ ސިޓީއެެކޭ. އެހެންވީމަ ތިނަދޫގެ ރައްޔިތުން ވިސްނަވާ ވަޑައިގަންނަވަން ޖެހޭނެ ކަމަކީ މި ބޭފުޅާ ރައީސުލްޖުމްހޫރިއްާ ވިދާޅުވާ ބަސްފުޅުތަކަކީ އެއްވެސް ތާކުންތާކު ޖެހޭ ބަސްފުޅެއް ނޫންކަން،“. އިންތި ވިދާޅުވިއެވެ.

ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިން ގޮތާއި ގުޅިގެން އިދިކޮޅު ޕީއެންސީން ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ސިޓީއެއްގައި ހުންނަން ޖެހޭ ވަސީލަތްތަކާއި އެ އަދަދަށް މީހުން ހަމަ ނުވެ އޮއްވައި ނަމެއްގައި ސިޓީއަކަށް ބަދަލުުކުރި ބަދަލު ކުރުމަކީ ވަރަށް ޒިންމާ ދާރު ކުޑަ ކަމެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!