ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު އާންމުކޮށް ހެނދުނު ހޭލަނީ ހަތަރަކާއި ހަތަރުގަޑި ފަނަރައާ ދޭތެރޭ ކަމަށެވެ. އަވަހާރަފުޅުލައްޕަވަނީ ރޭގަނޑު 12 ޖަހާއިރު ކަމަށް ރައީސް ވިދާޅުވިއެވެ.
”އާންމުކޮށް އަޅުގަނޑު ހޭލަނީ 4 ނޫނީ 4:15 އާ ދޭތެރޭގައި. ތެދުވެ އަޅުގަނޑު ދަމުނަމާދުކުރަން. ދަމުނަމާދުކޮށްފަ ފަތިސްނަމާދު ބަންގި ގޮވަންދެން ގުރުއާން ކިޔަވަން.“ ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބައެއް ދުވަސްދުވަހު ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާވެސް ކިޔަވާ ކަމަށާއި، ފަތިސް ނަމާދަށްފަހު ލިބޭ ގަޑިއެއްހާއިރު ތެރޭގައި ވިސްނަވަނީ ދުވަހުގެ ބާކީ ކުރަން ހުންނަ ކަންތައްތަކާ ދޭތެރޭގައި ކަމަށެވެ.
”ބައެއް ދުވަސްދުވަހު މާ ބުރަކޮށް އުޅޭ ދުވަހެއް ވެއްޖެއްޔާ ކުޑަ ރެސްޓެއްވެސް ނަގަން. އެއަށްފަހު ހެނދުނު އެކްސަސައިޒް އަޅުގަނޑު ކުރަން. މާ އަވަހަށް އޮފީހަށް ދާން އޮވެއްޖެއްޔާ އެކްސަސައިޒް ސްކިޕްކޮށްލާފަ ހަވީރު ގަޑިއަށްލަނީ.“ އެމަނިކުފާނުގެ ދުވަސް ކުރިއަށްދާ ގޮތް ހިއްސާކުރައްވަމުން ވިދާޅުވިއެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ދެން އެމަނިކުފާނު ކުރައްވާ އެއްކަމަކީ އޮފީހަށް ދިއުމުގެ ކުރިން ފޯނުގެ ހުންނަ މެސެޖުތަކާއި، ކޯލްތައް ބެއްލެވުމެވެ. މީގެ އިތުރުން އޮފީސް ގަޑީގައިވެސް ހުސް ވަގުތެއް ލިބިވަޑައިގެންފިނަމަ ފޯނަށް ލިބިފަ ހުންނަ މެސެޖުތަކަށާއި، ކޯލްތަކަށް ޖަވާބު ދެއްވާ ކަމަށް ވިދާޅުވިއެވެ.
”އެއަށްފަހު އިންނާނެ އަޅުގަނޑު އަމިއްލަ ފަރާތްތަކުން ބައްދަލުކުރަން އެދުނީމަދޭ ވަގުތުކޮޅެއް. އެޕޮއިންޓްމަންޓް ހުންނާނެ ދުވާލަކު ދޭއް ތިނެއްވަރު އަޅުގަނޑަށް ދެވެން.“ ރައީސް ވިދާޅުވިއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ރައީސް ވަނީ އެހެން ބައެއް ސުވާލުތަކަށް ވެސް ޖަވާބު ދެއްވާފައެވެ.