ރިޔާސީ އިންތިހާބުގެ ނަތީޖާ މިހާރު ވެސް ސާފުކޮށް އޮތީ ފެންނަން ކަމަށާއި މިރޭ ވޯޓު ގުނިޔަސް މޮޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސްގެ ކެމްޕެއިން ބޮޑު ޖަލްސާއެއް ކާނިވާ ސަރަހައްދުގައި ކުރިއަށްދާއިރު ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، އެ ސަރަހައްދުން ފެންނަ މަންޒަރުން އިންތިހާބު މިހާރު ވެސް ނިމިފައިވާކަން އެނގިއްޖެ ކަމަށެވެ.
”އިންތިހާބު މިހާރު މިއޮތީ ނިމިފައި، ނިމިފައި، ނިމިފައި، ނިމިފައި. މިރޭ ވޯޓު ގުނިޔަސް އަޅުގަނޑުމެން މޮޅުވާނެ، މާދަމާ ގުނައިފިއްޔާ މާބޮޑަށް މޮޅުވާނެ. 9 ވަނަ ދުވަހު ގުނައިފިއްޔާ އަދި މާބޮޑަށް މޮޅުވާނެ. ދިވެހިންނާ ގާތް މިކޮށްދެނީ އުފާވެރި އާމަން ރާއްޖެއެއް،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކެމްޕެއިންގައި މިހާތަނަށް 16 އަތޮޅެއްގެ ހުރިހާ ރަށަކަށް ދަތުރު ކުރެވިއްޖެ ކަމަށާއި އެމަނިކުފާނަށް ފެނިވަޑައިގަތް މަންޒަރަކީ އަނިޔާވެރިކަމަށް އެނބުރި ދާން ބޭނުން ނުވާ ރައްޔިތުންތަކެއް، މި ސަރުކާރުން ގެނެސްދިން ތަރައްގީ އާއި ބާކީ ނުކުރާ ސިޔާސަތާ މެދު ހިތްހަމަޖެހިގެން ތިބި ތަން ކަމަށެވެ.
”ރައްޔިތުން ތިބީ ވަކި ގޮތަކަށް ނިންމައިގެން. ތިޔަ ބޭފުޅުން ވެސް ތި ތިއްބެވި ގޮތް، އެއްބުރުން ނޫން ބުރެއް މިފަހަރަކު ނެތް. މުޅި ރާއްޖޭގެ ރަސްމީ ނަތީޖާ ރަމްޒު ވަނީ މިރޭ މި ޖަލްސާގެ މަންޒަރާ،“ ރައީސް ވިދާޅުވި އެވެ.
”ހއ. އިން ބުނީ އެއްބުރުން، ށ. އެއްބުރުން. ނ. މާބޮޑަށް އެއްބުރުން. ރ، ބ، ޅ. އެއްބުރުން. ކ. އެއްބުރުން. ވ، ދ، ލ، ތ. އެއްބުރުން. ގއ، ގދ. އެއްބުރުން. ފުވައްމުލައް އެއްބުރުން، މާލެ ކިނިހެއްތޯ؟ އެއްބުރުން، އެއްބުރުން، އެއްބުރުން.“
ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ވެރިކަން ރައްޔިތުން އެމަނިކުފާނާ ހަވާލުކުރި މަސްއޫލިއްޔަތުގެ މަތީގައި ދެމިހުންނެވީ އަމާނަތްތެރިކަމާ އެކު ކަމަށެވެ. ސިޔާސީ ހަމަޖެހުން ގާއިމްކޮށް އަސާސީ ހިދުމަތްތައް ރަށްތަކަށް ފޯރުކޮށްދެވި، މާލޭގައި އޮތް އެންމެ ބޮޑު މައްސަލައަށް ހައްލެއް ހޯދައިދެވިފައިވާ ކަމަށެވެ. ރައީސް އިޝާރަތް ކުރެއްވީ މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތިތަކަށެވެ.
”މިހާތަނަށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް އެންމެ ބޮޑު މަސައްކަތެއް ކުރި ސަރުކާރަކީ މި ސަރުކާރު. 19،000 ރައްޔިތުންނަށް އެވަނީ އިން ވަކިކޮށް ބިން ކަނޑައި ގޯތީގެ ފަތް ދެވިފައި. މާލޭގެ އެންމެންނަށް ހައްލު ހޯދައިދީފައި. އެންމެ މުހިންމު އެންމެ ބޮޑު މަސައްކަތަކީ އެއީ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދެން ވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި އެއްވެސް މީހެއް، އެއްވެސް ރަށެއް ބާކީކޮށް، ތަފާތު ނުކުރައްވާނެ ކަމަށެވެ. ދިވެހިންނަށް ހޯދައިދެއްވާނީ އުފާވެރި، އަމާން ރާއްޖެއެއް ކަމަށް ވިދާޅުވި އެވެ. އެކަމުގައި އެމަނިކުފާނަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
”އުފާވެރި އަމާން ރާއްޖެ ހޯދުމަށް ހުރިހާ ފަރާތްތަކުން ބައިވެރިވުމަކީ އަޅުގަނޑުގެ އެދުމެއް. އެކަން ކޮށް މި ނިންމަނީ، ގަބޫލުރާތި ނަތީޖާ ބަދަލުކުރަން ބޭނުން ވަނީ ހަމަ އެއް ވޯޓެއް، އެއީ ތިޔައިން ކޮންމެ ބޭފުޅެއްގެ ވޯޓެއް ކަމަށް ހައްދަވާ. މި ގެންނަން އުޅޭ ހެޔޮ ބޮޑު ބަދަލުގައި އަޅުގަނޑުމެންނާ އެކު ބައިވެރިވޭ،“ ރައީސް ވިދާޅުވި އެވެ.
ފުރިބާރުވެފައި އޮތް ކާނިވާ ސަރަހައްދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މީގެކުރީ ސަރުކާރުތަކުގައި އޮތް ނާމާންކަމާއި އަނިޔާވެރިކަމުގެ ވާހަކަަތައް ހިއްސާ ކުރައްވައިފަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި ޖަލުގައި އީވާން ނަސީމް މަރާލުމާ އެކު އުފެދިގެން ދިޔަ ހަމަޖެހުންތަކުގެ ހަނދާންތައް އާކުރެއްވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި އެ ދުވަހު ޖުމްހޫރީ މައިދާނަށް ރައްޔިތުން ނުކުމެ ތިބީ ބަދަލެއް ބޭނުންވެގެންނެވެ. އެ ބަދަލު ހޯދުމަށް ގިނަ ރައްޔިތުންތަކެއް އެތައް ގުރުބާނީއެއްވެ އެތައް މަސައްކަތެއް ކުރި ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2008 ވަނަ އަހަރު ކޯލިޝަނެއްގެ ތެރެއިން އެމްޑީޕީއަށް ވެރިކަން ލިބުނު ނަމަވެސް، ތިން އަހަރު ތެރޭ އަނެއްކާ ވެސް މަގުމަތިވީކަން ރައީސް ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ އެ ވެރިކަން ވެއްޓުމާ އެކު ރާއްޖެ އަށް އެނބުރި އައި އަނިޔާވެރިކަމާއި ނާމާންކަމާ މެދު ރައްޔިތުން ވެސް، ސިފައިންނާއި ފުލުހުން ވެސް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. މިދިޔަ ފަސް އަހަރު މުޅި ގައުމު އޮތީ ނާމާންކަމެއްގެ ތެރޭގައި ކަމަށާއި ބާރު އޮތީ ގޭންތަކުގެ ކަމަށް ވިދާޅުވި އެވެ. ގޭގެއިން ޒުވާން ކުދިން ނެރެ މަރާ ހަދަމުންދިޔަ މާލޭގެ މަގުތައް އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. މަގުތަކަށް ނުކުންނަން މީހުން ތިބިއިރު ވިޔާފަރި ކުރެވޭވަރު ވެސް ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އެތައް ސިޔާސީ ލީޑަރުންނެއް ވެސް ތިބީ ޖަލުގައި ކަމަށާއި ކުރީގެ ރައީސް، ފަނޑިޔާރުން، ޕްރޮސިކިއުޓާ ޖެނަރަލް، މަޖިލިސް މެންބަރުން ތިއްބެވީ ދޫނިދޫ ޖަލުގައި ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރެއް ހިންގޭވަރަށް ދޫނިދޫގައި ބޭފުޅުން ހައްޔަރުކޮށްފައި ތިބިއިރު، ބަދަލަށް ކުރި އެ މަސައްކަތުގައި 2018 ވަނަ މޮޅުވީ ދޫނިދޫގައި އޮތް ސަރުކާރު ކަމަށް ރައީސް ވިދާޅުވި އެވެ.
”2018 ވަނަ އަހަރު އެ އަނިޔާވެރިކަން ނިންމާލެވުނީ. ނަތީޖާ އަޅުގަނޑުމެން ނެރުނީ ވޯޓުން. މި ހަމަޖެހުމާ އުފާވެރިކަން ހިތްހަމަޖެހުން މި ލިބުނީ. ވިސްނަންވީ މި ކަންކަމާ ދޭތެރޭގައި. ކައުންސިލްތައް ގަނޑުކޮށް ސަސްޕެންޑްކުރާ ސަރުކާރަކަށް، ކޯޓުތަކުގެ ފުރާޅުން ޓިނު ނަގައި ފަނޑިޔާރުން ބިންމަތި ކުރާ ތަން ބަލާކަށް ބޭނުމެއް ނުވޭ. ކޯޓުތައް ގުޅަކުލޭ ފަސްގަނޑަކަށް ހަދާ ބަޔަކު ބޭނުމެއް ނުވޭ. ދެނެއް ބޭނުމެއް ނުވާނެ އެ ދުވަހެއް،“ ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑާ ދިމާވި މަޖީދީ މަގުގެ ވިޔަފާރިވެރިއަކާ، ބުނި ހާދަހާ އަރާމުގައޭ މިއަދު މި ވިޔަފާރި ކުރަނީ. ކުރިން ވިއްޔާ ކޮންމެ ރެއަކު މުޒާހަރާއާ އެކު އެބަ ޖެހެއޭ ވިޔަފާރި ހުއްޓާލަން، ދެނެއް ބޭނުމެއް ނޫނޭ އެ ދުވަހެއް، މި ސަރުކާރުން ދަމަހައްޓަން މަސައްކަތް ކުރާނަމޭ.“
ރައީސް ތަގުރީރު ނިންމާލެއްވީ ވަރަށް ޖޯޝުގައި ”ކުރިއަށް، ކުރިއަށް، ކުރިއަށް، ބާރަށް ކުރިއަށް، ބާރަށް ކުރިއަށް، އެންމެން އެކުގައި ބާރަށް ކުރިއަށް“ ކަމަށް ވިދާޅުވަމުންނެވެ.