ދެއްވަދޫގައި އައިސްޕްލާންޓެއް ހުއްޓައި އައިސްޕްލާންޓެއް ހަދަން ރައީސް އިބުރޭ ވައުދު ވެއްޖެ
ދެންމެ | 10 އޯގަސްޓް 2023

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ގއ.ދެއްވަދޫއަށް ވަޑައިގެން އެ ރަށުގައި މިހާރުވެސް އައިސް-ޕްލާންޓެއް ހުއްޓައި އައިސްޕްލާންޓެއް ޤާއިމުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވައުދުވެވަޑައިގެންފިއެވެ.

ހުވަދު އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ގއ.އަތޮޅުގެ ރަށްތަކަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން ގއ.ދެއްވަދޫއަށް ވަޑައިގެން އެ ރަށުގައި ގިނަ މަޝްރޫޢުތަކެއް ހިންގަވަން އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.

އެގޮތުން ރައީސް އިބްރާހީމުވަނީ ދެއްވަދޫގެ މަސްވެރިންނަށް ލަސްތަކެއް ނުވެ މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ. މަސްވެރިން ބާނާ މަހަށް ހަމައަގު ހޯއްދަވައިދެއްވުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ނަމަވެސް، މަސް ގަންނަ އަގު ދޫކޮށްލުމާ ގުޅިގެން ކުރިން ސަރުކާރުން މަސް ގަތް އަގަށްވުރެ އެތައް ގުނައެއް މަހުގެ އަގު ދަށްވިއެވެ.

ނަތީޖާއެއްގެ ގޮތުން މަސްވެރިންވަނީ މި ސަރުކާރާ ދެކޮޅަށް ގިނަ އިހުތިޖާޖުތަކެއް ކޮށްފައެވެ. ކޮންމެ އަހަރަކުވެސް ރައީސް ގެންދެވީ ޔޫރަޕާއި އިނގިރޭސިވިލާތުން ދިވެހި މަހުން ނަގަމުން އަންނަ ޑިއުޓީ ކަނޑައިލާ އަވަހަށް މަހަށް ހަމައަގު ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައަށް އޮތީ އެކަށީގެންވާ ހައްލެއް ނުހޯދިއެވެ. މިއަދު ދެއްވަދޫގައިވެސް ރައީސްވަނީ އީޔޫއާއި އިނގިރޭސިވިލާތާއެކު މިހާރު ކުރެވެމުންދާ މަޝްވަރާތަކުގެ ތެރެއިން ވަރަށް އަވަހަށް މަހުގެ ހަމައަގު މަސްވެރިންނަށް ލިބޭނެ ކަމަށެވެ.

އެ ވާހަކަފުޅަށްފަހު ދެއްވަދޫއަށް ކޮށްދެއްވާނެ ކަންކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް އިބްރާހީމު ވިދާޅުވީ، ދެއްވަދޫގައި އައިސް ޕްލާންޓެއް އެޅުމާއެކު، ކުރު މުއްދަތަށް މަސް ރައްކާކުރެވޭ ފަދަ މަރުކަޒެއް އެ ރަށުގައި ޤާއިމުކުރައްވާނެ ކަމަށެވެ. އަދި މަލްޓިޕާޕޯސް ހޯލާއި، ކައުންސިލު އިދާރާގެ އައު އިމާރާތާއި، ބޯހިޔާވަހިކަން ހައްލުކުރުމަށް ހައުސިން ޔުނިޓުވެސް އެޅުމާއެކު އެ ރަށުގެ ބިން ހިއްކެވުމަށްވެސް ވައުދުވެވަޑައިގަތެވެ.

ދެއްވަދޫގައި އައިސް-ޕްލާންޓެއް އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއިރު، ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެ ރަށުގައި އައިސް-ޕްލާންޓެއްވަނީ އަޅާފައެވެ. އަދި އެ އައިސްޕްލާންޓު މިހާރުވެސް ބޭނުންކުރަމުން އަންނަކަމަށް ދެއްވަދޫން ވާހަކަދެއްކި މަސްވެރިޔަކު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!