ވެރިކަން ލިބިއްޖެ ނަމަ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މާލޭގައި 25،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސްގެ ވެށިފަހި މާލެ ޕްރޮގްރާމު އޮޅުންފިލުއްވައިދިނުމަށް މާލޭގެ ކަންކަންމަތީގައި ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއަދުގެ ބައްދަލުވުމެއްގައި އިލްޔާސް ވިދާޅުވީ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި 25،000 ބޯހިޔާވަހިކަން މާލޭގެ ރައްޔިތުންނަށް ގާއިމުކޮށް، މާލެއަކީ ހިތްފަސޭހަ، އަމާން ސިޓީއަކަށް ބަދަލުކުރައްވާނެ ކަމަށެވެ.
ޑިމޮކްރެޓްސް އިން ހުށަހަޅާ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން މާލޭ އެންމެ ތޮއްޖެހިފައިވާ 10 ކޮށިން ތަނަވަސް ބޯހިޔާވަހިކަމަށް އެދޭ އާއިލާތަކަށް އަލަށް ފަސް ކޮއްޓެއްގައި އިމާރާތްކުރާ ކޮންޑޮމީނިއަމް ޔުނިޓްތަކަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. އެކަމަކު އެ ޕްރޮގްރާމުގައި ބައިވެރިވުމަކީ އިހްތިޔާރީ ކަމެކެވެ.
ޑިމޮކްރެޓްސް އިން ބުނި ގޮތުގައި އެކަމާ ގުޅޭ ސިޔާސަތުތައް ފާހަގަކޮށް މާލޭގެ އެންމެ ބަންދު ބޮޑު 10 ބްލޮކްގެ 18 އަހަރުން މަތީގެ 4187 ރަށްވެހިންނަށް ސީދާ އެޑްރެސްކޮށް، އިލްޔާސް ސޮއިކުރައްވައި ވަނީ ސިޓީއަކާ އެކު ލީފްލެޓާއި ޕޯސްޓަރު ފޮނުވަން ފަަށައިފަ އެވެ.
އެ ޕާޓީން ބުނީ އެ ޕްރޮގްރާމުގައި ބައިވެރިވާ 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ކޮންޑޮނޮމޯނިއަމް ފްލެޓެއް ލިބޭނެ ކަމަށާއި އެއީ ދެ ކޮޓަރި ނުވަތަ ތިން ކޮޓަރީގެ ތަންތަން ކަމަށެވެ.
”ގޭގެ ވެރި ފަރާތަށް ލިބިގެންދާނެ ބިމުގެ ބަދަލު. އަދި އިމާރާތުގެ ވެރި ފަރާތަށް ލިބިގެންދާނެ އިމާރާތުގެ އަގު.“ އެކަމާ ގުޅިގެން ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
އެ ޕާޓީން ބުނާ ގޮތުގައި ގުޅީފަޅާއި ގިރާވަޅު ފަޅުން ގޯތި ދޫކުރާނެ ކަމަށް ސަރުކާރުން ބުންޏަސް އެ ފަޅުތައް ހިއްކާ، ރިވެޓްމަންޓް ޖަހައި މަގުތަކާއި ނަރުދަމާ އަޅައި ކަރަންޓާއި ފެނުގެ މަސައްކަތްތަކުގެ އިތުރުން އަސާސީ ކަންކަން ގާއިމުކޮށް އާބާދުކުރެވޭއިރު 15 އަހަރު ހޭދަވާނެ އެވެ. އެކަމަކު މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވެ، އެހާ މުއްދަތު ހޭދަވެއްޖެ ނަމަ، އާއިލާތައް ރޫޅި، މަސްތުވާތަކެތީގެ ވަބާގައި މީހުން ޖެހި، އެތައް ބައެއްގެ ހަޔާތް ބަރުބާދުވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
އެހެންވެ، ވެށިފަހި ޕްލޭނަކާ އެކު ޑިމޮކްރެޓުން ނިކުމެފައިވާއިރު އެ ޕްރޮގްރާމުގައިވާ ގޮތުން 10 ކޮށިން އަލަށް ތަރައްގީކުރާ ފަސް ކޮއްޓަށް މީހުން ބަދަލުވެ، އެ 10 ކޮށީގައި ވެސް ކޮންޑޮމީނިއަމް ކޮންޕްލެކްސް ބިނާކުރާނެ އެވެ. އަދި އެންމެ ތޮއްޖެހިފައިވާ 20 ބްލޮކްގެ މީހުން އެ 10 ބްލޮކަށް ބަދަލުކޮށް، އެ ގޮތަށް 160 ބްލޮކް ހުސްކުރާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
އެ ޕާޓީން ބުނި ގޮތުގައި އެ ސިޔާސަތަކީ ސިންގަޕޫރާއި މެލޭޝިއާ ފަދަ ގައުމުތަކުގެ އާބަން ސެންޓަރުތަކުން ތަޖުރިބާކޮށް ކާމިޔާބުކޮށްފައިވާ މޮޑެލެކެވެ. އެހެންވެ އެ ސިޔާސަތާ އެކު ކޮންޑޮމީނިއަމްތައް ބިނާކުރާއިރު ވަށައިގެން ހުރި މަގުތައް ފުޅާކޮށް ފެހިކުރާނެ ކަމަށާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކަސްރަތާއި ވިޔަފާރިތައް އަދި އިޖުތިމާއީ ކަންކަމަށް ވެސް ޖާގަ ކަނޑައަޅާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.