”އަދުރޭގެ ޕީއެންސީ ކެޑިޑޭޓް މުއިއްޒު މިހާރު ވެސް ޔާމީންގެ ޓީމާއި ޕީޕީއެމް އެއްކައިރި ކޮށްފި“
ދެންމެ | 24 އޯގަސްޓް 2023

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރެއްގައި ޕީޕިއެމް ބައިވެރި ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙުގެ ކެމްޕެއިން ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެމްޕޭން ތަރުޖަމާން، އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒުގެ ސަރުކާރެެއްގައި ޕީޕިއެމް ބައިވެރިކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ކުރީގެ ރަައީސް ޔާމިން ޖަލުން ދޫނުކުރަށްވާނެކަން އެއީ މިއަދުގެ ސިޔާސީ ހަގީގަތް ކަމަށް މާރިޔާ ވިދާޅުވިއެެވެ. އަދި އިންތިޚާބުގައި ވެސް ޕީޕީއެމް ބައިވެރިކުރުވުމަށް ވިސްނެވިނަމަ ޕީޕީއެމްގައި ހުންނެވި ކެންޑިޑޭޓަކު މުއިއްޒު ނެރުއްވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ ޕްރެސް ތަކުގައި އާންމުކޮށް މުއިއްޒަށް ފާޑުވިދާޅުވަމުން ގެންދަވާއިރު މުއިއްޒަކީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ކެންޑިޑޭޓެއް ނޫން ކަމަށް ވެސް މާރިޔާ މީގެކުރިން ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ. އަދި މިފަހަރުގެ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއް ނެތް ކަމަށް ވެސް މާރިޔާ ވިދާޅުވެފައި ވެއެވެ.

ނަމަވެސް ޕީޕީއެމުން ބުނަމުންދަނީ ޑރ. މުއިއްޒަކީ ރައީސް ޔާމިން އެންޑޯޒް ކުރަށްވާފައިވާ ކެންޑިޑޭޓް ކަމަށެވެ. އަދި މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރަށްވާނެ މަސައްކަތަކީ އިދިކޮޅު ލީޑަރ ރައީސް ޔާމިން މިނިވަން ކުރުމުގެ މަސައްކަތް ކަމަށް ވެސް އެޕާޓީން ބުނެއެވެ. ކެމްޕޭން ޖަލްސާތަކުގައި މުއިއްޒުވެސް އެމޭރުމުން އެވާހަކަ ތަކުރާރު ކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!