މީޑިއާތަކަށް މިނިވަންކަން އެންމެ ފުޅާކޮށް ދީފައިވާނެ ކަމަށާއި އެމަނިކުފާނާ ދިމާލަށް ކޮންމެ އެއްޗެއްކީ ނަމަވެސް ފަރުވާލެއް ނެތް ކަމަށް ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހދ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި މިރޭ މަކުނުދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ 2013 އިން 2018 އަށް ކަން ކުރި ގޮތާ ހިލާފަށް މިނިވަންކަން ސިޔާސީ ފަރާތްތަކަށާއި ނޫސްވެރިކަމަށް ތަންމިނަށް ހުޅުވާލާފައިވާ ކަމަށެވެ. އެމަނިކުފާނާ ދިމާލަށް ބައެއް މީޑިއާތަކުން އެތައް އެއްޗެއް ކިޔަމުންދާ އިރު ވެސް އަޅާ ނުލައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެއްޗެހި ކިޔާ ފަރާތްތަކަށާއި، ފާޑު ކިޔާ ފަރާތްތަކަށް ރައްދު ދޭން އެމަނިކުފާނަށް ވަގުތު ނެތް ކަމަށާއި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަން ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ރާއްޖެއަށް އިގުތިސާދީ ބޮޑު ބަދަލެއް ގެނައުން ކަމަށާއި އެ ބަދަލާއެކު ރައްޔިތުންގެ ފުދުންތެރިކަމާއި ރާއްޖޭގެ އާއްމުދަނީ އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށެވެ.
ސިޔާސީ ހަލަބޮލިކަމަށް ދީލާލި ނަމަ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދާ ނުދެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ފަސް އަހަރު ނިންމާލާއިރު، އެތައް ދާއިރާއަކަށް ހެޔޮ ބަދަލު ގެނެސްދެވިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެގޮތުން ހިލޭ ޑިގްރީ ޕްރޮގުރާމާއި މިނިމަމް ވޭޖާއި، 10 އިންސައްތަ ސާވިސް ޗާޖާއި ކުދި ވިޔަފާރިތަކަށް ހޯދައިދެވުނު އެތައް ފުރުސަތުތަކެއް ހިމެނޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.