ސަރުކާރުން ބޭނުންވަނީ އައްޑުއަކީ މާލެއާ އެއް ފެންވަރަށް ތަރައްގީވެފައިވާ ސިޓީއަކަށް ހެދުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އައްޑޫގެ އެކި ދާއިރާތަކަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ އެކު ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ ހަމައެކަނި މާލޭ ތަރައްގީ ކޮށްފައި ބޭއްވުމުގެ ބަދަލުގައި އެމަނިިކުފާނު ބޭނުންފުޅު ވަނީ އައްޑޫއަކީ ވެސް އެ ފެންވަރަށް ތަރައްގީވެފައިވާ ސިޓީއަކަށް ހެދުން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ސަރަހައްދަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވޭނީ ދެކުނުގެ ހަތަރު އަތޮޅު އިންޓަގްރޭޓެޑް ޒޯނެއްގެ ގޮތުގަައި ތަރައްގީކޮށްގެންނެވެ. އަދި ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅުގައި ވެސް އެފަދަ ޒޯނެއް ގާއިމުކޮށް، ސަރުކާރުން އަމާޒު ހިފާފައި ހުރީ މެދު ރާއްޖޭތެރޭގެ ހަތް ސަރަހައްދެއް ތަރައްގީ ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
”މިކަހަލަ ގޮތަކަށް ތަރައްގީކޮށްގެން ނޫން ގޮތަކަށް ދެމެހެއްޓެނިވި ތަރައްގީއެއް ނުގެނެވޭނެ.“
ރައީސް ވިދާޅުވީ އެ ކަމަކީ ސަރުކާރުތަކުން މީގެ ކުރިން ވެސް ދައްކަމުން އައި ވާހަކައެއް ނަމަވެސް އެކަމަށް އަމަލީ ސިފަ ގެނެސްދެވިފައި ނުވާ ކަަމަށެވެ. ރާއްޖޭގެ އެންމެ ދެކުނުން މައި ހަބެއްގެ ގޮތުގައި އައްޑޫ ތަރައްގީ ކުރާއިރު އައްޑޫގެ ރައްޔިތުންގެ ތަރައްގީގެ އުއްމީދުތަކުގައި މި ސަރުކާރުން ހަގީގީ ކުލަ ޖައްސާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.