ޓިކްޓޮކްގައި އަންހެނަކަށް ވެގެން އުޅޭ ފިރިހެނެއްގެ މައްސަލަ ބަލަން ފަށައިފި
ދެންމެ | 03 މެއި 2024

ސޯޝިއަލް މީޑިއާގައި އަންހެން ހެދުން އަޅައިގެން އުޅޭ ގ.ކަމަރާގޭ މުހައްމަދު ނަބީލް (ޔާޔާ) ގެ މައްސަލަ އަނެއްކާވެސް ފުލުހުން ބަލަން ފަށައިފިއެވެ.

”ލޫސީ“ގެ ނަމުގައި ހުޅުވާފައިވާ ޓިކްޓޮކް އެކައުންޓެއްގައި ނަބީލް އަންނަނީ އަންހެން ހެދުން އަޅައި، ބަރަހަނާ ވީޑިއޯ ހިއްސާކުރަމުންނެވެ. މިކަން ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް އައިސްފައިނުވޭތޯ އަހައި، ނުސްވެރިޔަކު އެކްސްގައި ކޮށްފައިވާ ޕޯސްޓެއް ރީޓްވީޓްކޮށް، ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.

ނަމަވެސް، މިކަމާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ވެސް ނަބީލްވަނީ އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އުފައްދައިފައެވެ. އަދި އޭނާ ވަނީ އޮރިޔާން ވީޑިއޯ ވެސް ޢާންމުކޮށްފައެވެ. އެ މައްސަލައިގައި އޭނާ ހައްޔަރު ވެސް ކުރިއެވެ.

އޭރު އޭނާ ކޯޓުގައި ބުނެފައިވާ ގޮތުން މީޑިއާގައި ޢާންމުވެފައިވާ އޮރިޔާން ވީޑިއޯއަކީ އޭނާ ހެދި ވީޑިއޯއެއްނޫނެވެ. އަދި އެ ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށާއި, އެ ވީޑިއޯއަކީ އޭނާ ބޭޒާރުކުރަންވެގެން އޭނާގެ މޫނު އެޑިޓުކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ.

އަންހެން ހެދުންއަޅާ، އަންހެނެއް ކަމަށް ދައުވާ ކުރާ ފިރިހެނުން ރާއްޖޭގައި މަދެއް ނޫނެވެ. ނަމަވެސް، މިކަމަށް އެކަށީގެންވާ ފިޔަވަޅެއް މިހާތަނަށް އެއްވެސް އިދާރާއަކުން އަޅާފައެއް ނުވެއެވެ.

އިސްލާމްދީނުގައި ފިރިހެނުން އަންހެން ހެދުން އަޅައިގެން އުޅުމާއި އަންހެނުން ފިރިހެން ހެދުން އަޅައިގެން އުޅުމަކީ ރަސޫލާ ނަހީކުރައްވާފައިވާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!