ދެމަފިރިން ދޭތެރޭ އިބުލީސް ބާއްވައިގެން ނިދަން ބޭނުން ތަ!
ދެންމެ | 21 އޯގަސްޓް 2023

އިސްލާމް ދީނަށް ބަލައިފިނަމަ ޒަވާޖީ ޙަޔާތަކީ އެންމެ މުހިންމު އެއްކަންތަކެވެ. ބާއްޖަވެރިކުރަން އެދޭމީހަކަށްނަމަ އެކަމުގެ ފުރުޞަތު ވަރަށް ފަހިކޮށް އެބައޮތެވެ. އެބައަކަސް ﷲ ތަޢާލާގެ ރަހްމަތް ދާނީ އަބަދުވެސް ލިބެމުންނެވެ. ވީމާ އަބަދުވެސް މަސައްކަތްކުރަންވީ ރަހްމަތް އިތުރުވާނެ ގޮތަށެވެ.

 

އެހެނަސް އެކަމަށް ވިސްނައިވެސް ނުލާ ބައަކު އުޅެއެވެ. އެފަދަ ދެމަފިރިންގެ މެދުގައި ހުންނަ މައްސަލަތައް ޙައްލުކުރާ ގަޑިއަކީ އެކުގައި ނިދަން އެނދަށް އަރާ ވަގުތުކަމަށް ހަދައެވެ. ހުންނަ މައްސަލަތަކަށް ވާހަކަ ދައްކަމުން ގޮސް އުފެދޭ ހިތްހަމަނުޖެހުން ހައްލު ނުކުރެވުމުން ރުޅިވެރިކަމުގައި ދެމީހުން ދެފަރާތަށް މޫނުލައިގެން ނިދުންވެސް އޮންނަނީ ޢާންމުކަމަކަށްވެފައެވެ.

 

މިބުނަނީ ރުޅިވެރިކަމުގައި ނިދާވާހަކައެވެ. މޫނު ދިމާކޮށްގެންވެސް ރުޅިވެރިކަމުގައި ނިދާނަމަ އެކުރެވެނީ ހަމައެއްކަމެކެވެ. ޙައްލަކީ މައްސަލަތަކަށް ވާހަކަ ދައްކައި ޙަލު ހޯދައި އެކަކު އަނެކަކަށް މާފުކޮށް ހިތްހެޔޮކޮށްގެން ނިދުމެވެ. ނަފްރަތާއި ރުޅިވެރިކަމުގައި ނުނިދުމެވެ.

 

ރުޅިވެރިކަމުގައި ނިދާނަމަ ރަޙްމަތުގެ މަލާއިކަތުންގެ ދުޢާ ލިބޭނީ ކިހިނަކުން ހެއްޔެވެ؟ އެކަކު މާފުކުރި ނަމަވެސް އަނެކަކު މާފުނުކުރާނަމަ އަދި ދެމީހުން ވެސް މާފުނުކުރާނަމަ އެކަންކަން މަލާއިކަތުންނަށް އެނގިވަޑައިގަންނަވާނެއެވެ. ތިމާ އާއި މަލާއިކަތުން ދުރުވެވަޑައިގެންފިނަމަ މަޙްރޫމް އެވަނީ ކިހައި ގިނަ ނިޢްމަތްތަކުން ކަމާއިމެދު ނިކަން ވިސްނައިލަބަލާށެވެ!

 

ހަމައެއާއިއެކު ދެމަފިރިންގެ ހިތުގެ ޙާލަތު ޝައިޠޯނާއަށްވެސް އެނގޭނެއެވެ. ވީމާ ރުޅިވެރިކަމުގައި ތިބޭނަމަ މެދުގައި އޮންނާނީ ޝައިޠޯނާއެވެ! މަސައްކަތްކުރާނީ އިތުރު ފިތުނައެއް އުފެއްދޭތޯއެވެ. ހިތްހެޔޮކޮށް މާފުކޮށްގެން ނިދާނަމަ ދެމަފިރިންނަށް ރަޙްމަތް ލެއްވެވުމަށް މަލާއިކަތުން އެދިވަޑައިގަންނަވާނެތެވެ. ބޭނުމީ ކޮން ގޮތެއް ހެއްޔެވެ؟

 

ދިރިއުޅުމުގައި އެންމެ މުހިންމީ ދެމަފިރިންގެ ގުޅުމެވެ. އެކުވެރިކަމެވެ. އެކަކު އަނެކަކަށް މާފުކޮށް ހިތްހެޔޮކުރުމެވެ. ﷲ ތަޢާލާގެ ރަހްމަތާއި ބަރަކާތް ލިބެމުންދާނީ އެއިރުންނެވެ! ދެމީހަކު ގުޅިގެން ރަނގަޅު ގޮތުގައި ދިރިއުޅޭނަމަ 3 ވަނަ ބައިވެރިއެއްގެ ގޮތުގައި ﷲ ތަޢާލާ އެ ދެމީހަކާއިއެކު ވޮޑިގެންވާނެތެވެ! އިން ޝާ ﷲ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!