އިންޑިއާ ރާއްޖެއާ ދެ ގައުމުގެ މަސްލަހަތަށް ވެސް އެންމެ ރަނގަޅު ގޮތަކީ ދެ ގައުމުގެ ގުޅުން ރަނގަޅުކުރުން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ކުރަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ ޖައިޝަންކަރާ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ޖައިޝަންކަރު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވީ ދެ ގައުމުގެ ގުޅުން މިހާ ވަރުގަދަވުން ބިނާވެފައިވަނީ ދެފަރާތުގެ މަސްލަހަތާއި އިތުބާރުގެ މައްޗަށް ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ވެސް މި ގުޅުން ވަރުގަދަ ކޮށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި އެއީ ދެ ގައުމަށް ވެސް އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.
އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމުކަން ފާހަގަކުރައްވައި, ދިވެހިންގެ ދިރިއުޅުމަށް ފައިދާ ހުރި ކަންކަމާއި މަޝްރުއޫތަކަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ޖައިޝަންކަރު ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ވެސް މިފަދަ އެހީތައް ފޯރުކޮށްދީފައިވަނީ އެއްވެސް ޝަރުތަކާ ނުލާ ކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވެފައިވަނީ ކޮވިޑުގެ ދަތި ދުވަސްވަރު ފަދައިން އެހެނިހެން ކާރިސާތަކުގެ ދުވަސްވަރުގައި އަވައްޓެރިންގެ އެހީތެރިކަން ލިބުމަކީ މުހިންމު ކަމެއް ކަމަށެވެ.