އަންހެނުން ތަކެއް އަޅުގަނޑަށް ކުރީ ޖިންސީ ފުރައްސާރައެއް: ޑރ. އިޔާޒް
ދެންމެ | 14 ޖޫން 2023

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒްއާ މިއަދު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން މަގުމަތިން ދިމާކޮށްލުމަކީ ޖިންސީ ފުރައްސާރަ ކުރުން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އިދިކޮޅުން މިއަދު މަޖީދީ މަގުގައި މުޒާހަރާ ކުރަމުން ދަނިކޮށް، އެ ދިމާލުން ޑރ. އިޔާޒް ސައިކަލުގައި ވަޑައިގަންނަވަނިކޮށް ވަނީ އޭނާ އާއި ދިމާކޮސް ސައިކަލު ފަހަތުން ދުއްވާފައެވެ. އަދި ބައެއް ސަޕޯޓަރުން ވަނީ އިޔާޒް އާއި ދިމާލަށް ”ކާފަރަށް“ ވެސް ގޮވާފައެވެ.

އެކަމާއި ގުޅިގެން ޑރ. އިޔާޒް ”ވަގުތު“ އަށް ވިދާޅުވީ، މިއަދު އިދިކޮޅު ފަރާތްތަކުން އޭނާއާއި ދިމާކޮށްލުން އެއީ ވަރަށް ދެރަކޮށް ދިމާވި ކަމެއް ކަމަށާއި ނަމަވެސް އެއީ މިއަދު ގައުމުގެ ހާލަތު ކަމަށެވެ.

އިޔާޒް ވިދާޅުވީ، ފިރިހެން ބޭފުޅުން ވީޑިއޯ ކުރަން ތިބިއިރު، ސައިކަލު ފަހަތުން ދުވެ ޖިންސީ ފުރައްސާރަ ކޮށްފައިވަނީ އަންހެން ބޭފުޅުން ލައްވައި ކަމަށެވެ.

”އަންހެނުންތަކެއް އައިސް އަޅުގަނޑާ ބެހުނީމަ އެއީ ޖިންސީ ފުރައްސާރަ ކުރުން ނޫންތޯ“ އިޔާޒް ވިދާޅުވިއެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ މަގުން ޑރ. އިޔާޒް ސައިކަލުގައި ވަޑައިގަންނަވަނިކޮށް އިދިކޮޅު ސަޕޯޓަރުން ވަނީ އޭނާ ފަހާ ދުވެފައެވެ. އަދި ޑރ. އިޔާޒް އާއި ދިމާލަށް ”ބޮޑު ކާފަރެކޭ“ ”އިބިލީހޭ“ ކިޔާ ސަޕޯޓަރުން ހަޅޭލަވާއަޅު އެ ވީޑިއޯއިން އިވިގެން ދެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!