ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ.
”كل أمتي يدخلون الجنة إلا من أبى ، قيل ومن يأبى يارسول الله؟! قال: من أطاعني دخل الجنة، ومن عصاني فقد أبى
އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ” ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން ދެކޮޅު ހަދައިފި މީހަކު މެނުވީ އެންމެންވެސް ސުވަރުގެ ވަންނަހުއްޓެވެ. އެހިނދު ޞަހާބީ ބޭކަލުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. ސުވަރުގެ ވަންނަން ދެކޮޅުހަދާނީ ކާކުތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ކިޔަމަންވެއްޖެ ( ތަބާވެއްޖެ ) މީހާ ސުވަރުގެ ވަދެއްޖެއެވެ. އަދި ތިމަންކަލޭގެފާނަށް ނުކިޔަމަންތެރިވެއްޖެ މީހާ ސުވަރުގެ ވަންނަން ދެކޮޅު ހަދައިފިއެވެ.”
މި ޙަދީޡުން ލިބޭ ބައެއް ފައިދާތައް:
· ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ކިޔަމަންވުން ވަނީ ﷲ ތަޢާލާއަށް ކިޔަމަންވުމުގެ ތެރެއިންކަން
· ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށް ކިޔަމަންވެއްޖެ މީހަކު ސުވަރުގެ ވަދެއްޖެއެވެ. އަދި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށް ދެކޮޅުވެއްޖެ މީހަކު ނަރަކައަށް ވަދެއްޖެއެވެ.
· މި އުއްމަތުގައި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށް ކިޔަމަންތެރިވެގެން ތިބި މީހުންނަށް ހުރި އުފާވެރި ޚަބަރު
· ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް އެކަލޭގެފާނުގެ އުއްމަތުގެ މީހުންނާއި ދޭތެރޭ ބަހައްޓަވާ އޯގާތެރިކަން
މީގެ އިތުރުން ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި ﷲ ތަޢާލާ އާއި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ތަބަޢަވުމަށް އަންގަވާފައިވެއެވެ.
އެގޮތުން އާލް ޢިމްރާން ސޫރަތުގެ 32 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
قُلْ أَطِيعُوا اللَّهَ وَالرَّسُولَ ۖ فَإِن تَوَلَّوْا فَإِنَّ اللَّهَ لَا يُحِبُّ الْكَافِرِينَ ﴿٣٢﴾
މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށާއި، رسول އާއަށް ކިޔަމަންވާށެވެ! ފަހެ، ތިޔަބައިމީހުން އެނބުރި ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، كافر ންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.