މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގެ އިންފްލޭޝަން ދަށްވެފައިވާ ކަމަށާއި މިހާރު އަންނަމުންދާ ބަދަލުތަކާއެކު ރާއްޖޭގެ އިގުތިޞާދީ ދުވެލި 5.2 ޕަސަންޓަށް ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފުން ލަފާކޮށްފިއެވެ.
އައިއެމްއެފުން ރާއްޖެއާ ބެހޭ ގޮތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އިންފްލޭޝަން ރޭޓް ދަށްވެފައިވަނީ ވޭތުވެދިޔަ މަސްތަކުގައި ކާބޯތަކެތީގެ އަގުތައް ދަށްވަމުންދާތީ ކަމަށެވެ.
އައިއެމްއެފުން ބުނީ ރާއްޖޭގެ އިންފްލޭޝަން ޖަނަވަރީ މަހު ހުރީ 0.9 ޕަސަންޓުގައި ކަމަށެވެ. ހަމައެއާއެކު ސަބްސިޑީއަށް ގެނައި އިސްލާހުތަކާއެކު އިންފްލޭޝަން 3.8 ޕަސަންޓަށް އަރާނެކަމަށް ލަފާކޮށްފައި ވީނަމަވެސް އިންފްލޭޝަން ދަށްވަމުން ގޮސް 2025ގައި އިންފްލޭޝަން ތިނަކަށް ވެއްޓޭނެ ކަމަށް އައިއެމްއެފްގެ ރިޕޯޓުގައިވެއެވެ.
އޭގެ އިތުރުން ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ އިޤްތިޞާދު 5.2 އިންސައްތައަށް ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށް އައިއެމްއެފުން ބުނެފައިވެއެވެ. އެކަމުގެ މައިގަނޑު ސަބަބަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމުމުން ފަތުރުވެރިން އަންނަ އަދަދު އިތުރުވެ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރާނެތީ ކަމަށް އައިއެމްއެފުން ލަފާކޮށްފައިވެއެވެ.
ހަމައެއާއެކު ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާއެކު ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތައް އަންނަމުންދާކަމަށާއި އަދިވެސް ރަނގަޅުކުރެވޭނެ ދާއިރާތައް ހުރިކަން އައިއެމްއެފުން ފާހަގަ ކޮށްފައިވެއެވެ.
ރާއްޖޭގެ ދަރަނީގެ ޙާލަތަށް ރިޢާޔަތްކޮށް އައިއެމްއެފުން ބުނީ ދަރަނި މެނޭޖް ކުރުމަށް އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ކޮންމެހެން މުހިއްމު ކަމަށާއި އެގޮތުން ޤާނޫނީ އޮނިގަނޑުގެ ތެރެއިން ދަރަނި އަދާކުރުމަށް އިތުރު ފަސޭހަގޮތަށް ހޯދޭނެ ކަމަށެވެ.
އައިއެމްއެފުން މިހެން ބުނެފައިވާއިރު ބޭރުގެ ދަރަނީގެ ހާލަތު އޮތްގޮތުން ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ އިޤްތިޞާދަށް ގޮންޖެހުން ބޮޑުކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.